ޓުރަމްޕާއި ދެކޮޅަށް ވާހަކަދެއްކި އިލެކްޝަން އޮފިޝަލް މަގާމުން ވަކިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް އެގައުމުގެ ނިމިދިޔަ ރިޔާސީ އިންތިހާބު ސިފަކުރައްވަމުން ގެންދަވަނީ އޮޅުވާލުން ބޮޑު މަކަރުވެރި އިންތިހާބެއްގެ ގޮތުގައެވެ. މިވާހަކަތައް ދޮގުކޮށް ވާހަކަދެއްކި އިލެކްޝަން އޮފިޝަލެއް ކަމަށްވާ ކުރިސް ކުރެބްސް މިއަދުވަނީ މަގާމުން ވަކިކޮށްފައެވެ.

ސައިބާ ސެކިއުރިޓީ އެންޑް އިންފުރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީގެ ވެރިއާ ކުރިސް ކުރެބްސް މަގާމުން ވަކި ކޮށްފައިވަނީ ވޯޓުގެ ސައްހަކަމާއި ގުޅޭގޮތުން ސައްހަނޫން ވާހަކަތަކެއް ދައްކައިފައިވާތީ ކަމަށް މަގާމުން ވަކިކުރުމަށްފަހު ރައީސް ޓުރަމްޕްވަނީ ވިދާޅުވެފައެވެ. އިލެކްޝަން އޮފިޝަލުން ވިދާޅުވާ ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިހާބަކީ އެމެރިކާގެ ތާރީހުގައިވެސް ބޭއްވުނު އެންމެ ރައްކާތެރި އިންތިހާބެވެ.

އިންތިހާބުން ޓުރަމްޕަށް ނާކާމިޔާބީއާއި ކުރިމަތިވުމުން މަގާމުން ސަރުކާރުގެ އިސް ބަޔެއް ފަރާތްތައް ވަކިކުރަން ފަށައިފައިވާއިރު ކުރެބްސް ހިމެނިގެންދަނީ މިގޮތަށް އެންމެފަހުން ވަކިކުރި ބޭފުޅާގެ ގޮތުގައެވެ. މީގެކުރިން ޑިފެންސް ސެކެރެޓަރީވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓުރަމްޕް މިހާރު ގެންދަވަނީ ސީއައިއޭ ޑައިރެކްޓާ އާއި އެފްބީއައި ޑައިރެކްޓާވެސް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން މިފަހުން ވަކިކުރި އެހެން އޮފިޝަލުންނެކޭ އެއްގޮތަށް ކުރެބްސް އަށްވެސް މަގާމުން ވަކިކޮށްފައިވާކަން އިނގިފައިވަނީ ޓުރަމްޕް ކުރެއްވި ޓުވީޓުންނެވެ. މިގޮތުން ޓުރަމްޕް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ކުރެބްސް "ޓާރމިނޭޓެޑް" ކަމަށެވެ. މި ޚަބަރާއި ގުޅިގެން މީގެކުރިން މައިކްރޯސޮފްޓްގައިވެސް މަސައްކަތް ކޮށްފައިވާ ކުރެބްސް ވިދާޅުވެފައިވަނީ ހިދުމަތް ކޮށްދެވުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި މަސައްކަތް ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

ސައިބާ ސެކިއުރިޓީ އެންޑް އިންފުރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީ އަކީ ސައިބާ ހަމަލާތަކުން އިންތިހާބުތައް ރައްކާތެރި ކުރުމަށް ސަރުކާރުގެ އިލެކްޝަން އޮފިޝަލުންނާއި އަދި ވޯޓުލާ ސިސްޓަމްތައް ފޯރުކޮށްދޭ ފަރާތްތަކާއެކު މަސައްކަތްކުރާ އެޖެންސީއެކެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ