ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް މެކްސިކޯއިން އިތުރު ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކުން މައްޗަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް މެކްސިކޯ އިން އިތުރު 3,918 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1,015,071 އަށް އަރާފައެވެ.
މެކްސިކޯ އަކީ ދުނިޔެއިން އެގާރަ ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މިބަލީގައި ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.
އިއްޔެ އިތުރު ގިނަ ބަޔަކު މަރުވުމާއި ގުޅިގެން މިހާތަނަށް މެކްސިކޯއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 99,528 އަށް އަރާފައެވެ.
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މެކްސިކޯ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 762,025 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު މެކްސިކޯގައި މި ބައްޔަށް ފަރުވާދެނީ 153,518 މީހަކަށެވެ. އޭގެތެރެއިން 2,852 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.
މެކްސިކޯ އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެޤައުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ބަލީގެ ނުރައްކާ ބޮޑުވަމުން އަންނައިރު، ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ.



