ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 9 މިލިއަނުން މައްޗަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިންޑިއާ އިން އިތުރު 46,182 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9,004,325 އަށް އަރާފައެވެ.
އިންޑިއާ އަކީ ދުނިޔެއިން ދެ ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މިބަލީގައި ދުނިޔެއިން ތިން ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.
އިއްޔެ އިތުރު ގިނަ ބަޔަކު މަރުވުމާއި ގުޅިގެން މިހާތަނަށް އިންޑިއާ އިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 132,202 އަށް އަރާފައެވެ.
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 8,427,016 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އިންޑިއާގައި މި ބައްޔަށް ފަރުވާދެނީ 445,107 މީހަކަށެވެ. އޭގެތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.



