މި ސަރުކާރުގެ ވިސްނުމަކީ ދިވެހި ރައްޔިތުން ފެލައިގެން ގައުމު ހިންގުންކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމެބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން ރޭ ގެނެސްދިން "ދައުލަތުގެ ބަޖެޓް 2021" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައްޔިތުންނަށް ހަމަޖެހިގެން ދިރިއުޅެވޭނީ ރައްޔިތުންގެ ޖީބުތައް ތަނަވަސް ވެގެން ކަމަށާއި ޖީބުތައް ތަނަވަސް ކުރެވޭނީ އިގްތިޞާދު ރަނގަޅުވެގެން ކަމަށެވެ.
"މިދިޔަ މަހު އަޅުގަނޑަށް ފެނުނު ނޫހަކުން ކޮންމެސް ރިޕޯޓެއް ދިރާސާ ކުރައްވާ ލިޔުއްވާފައި އޮތް. 300 އެތައް މިލިއަން ރުފިޔާ ރައްޔިތުމީހާ ޖޫރިމަނާ ކޮށްގެން ދިވެހި ދައުލަތައް ވެއްދި ވާހަކަ. އެކަމަކު ރައްޔިތުންގެ ވޯޓު ހޯދަން ވަޑައިގެންނެވި އިރު ރައީސް ޞާލިޙް ވިދާޅުވީ ކީކޭތޯ؟ ޕާކް ކުރާނެ ތަނެއް ނުދައްކާ ތިމަންނަ ސްޓިކާއެއް ނުޖަހާނަމޭ ވިދާޅުވެ ބަހައްޓާފައި ސްޓިކާއިން ގައުމު ހިންގުމުގެ ވިސްނުންފުޅުގައި މި އުޅުއްވަނީ." ޝިޔާމް ވިދާޅުވިއެވެ.
ކޮންޖެޝަން ފީ އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ސަގާފަތް މިއޮތީ މާލެ ސަރަހައްދުގައި މީހުން ގިނަވާނެގޮތައް ކަމަށާއި ނަމަވެސް ކޮންޖެޝަން ފީގެ ސަބަބުން އަނެއްކާވެސް ރުފިޔާ ގެއްލިގެން މިދަނީ ރައްޔިތު މީހާގެ ޖީބުން ކަމަށެވެ.
ރައްޔިތު މީހާގެ ޖީބަށް އިތުރުވާ ތަނެއް ނާންނަ ކަމަށާއި ދައުލަތައް އާމަދަނީ ހޯދުމަށް މިހުރީ ރައްޔިތުން އަތުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން ފެލައިގެން ލާރި ހޯދައިގެން ގައުމު ހިންގުމުގެ ވިސްނުން ކަމަށް ވިދާޅުވިއެވެ.




