އިނގިރޭސިވިލާތު ޝާހީ އާއިލާގެ ލަޤަބުތަކާއި މަސްއޫލިއްޔަތުން އެއްކިބާވެފައިވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ދެވަނަ ދަރިފުޅު ބައިގެންގޮސްފައިވާ ކަމަށް މޭގަން މާކަލް ހާމަކޮށް، އެ ތަޖުރިބާ އާންމުންނާއި ހިއްސާކޮށްފިއެވެ.
ޕްރިންސް ހެރީ އާއި މޭގަންގެ އަލަތު ދަރިފުޅު، އާރޗީ އުފަންވެފައިވަނީ 2019 ވަނަ އަހަރު މެއި މަހުގެ 6 ވަނަ ދުވަހުއެވެ. އަލަތު ދަރިފުޅަށް މިހާރު 18 މަސްވެފައިވާއިރު، މިދިޔަ ޖުލައި މަހު ދެމަފިރިންގެ ދެވަނަ ދަރިފުޅު ބައިގެންގޮސްފައިވަނީ، ފިރިހެން ދަރިފުޅު އާރޗީގެ ނެޕީ ބަދަލުކުރަން އުޅުނު ވަގުތެއްގައި ކަމަށް މޭގަން ވަނީ ބުނެފައިވެއެވެ.
މޭގަންގެ މި ހިތި ތަޖުރިބާ އޭނާ ވަނީ ނިއު އިޔޯކު ޓައިމްސް ނޫހުގައި ލިޔެފައެވެ.
އެގޮތުން މޭގަން ބުނީ، ދަރިފުޅު ބައިގެންދިޔަ ވަގުތަކީ، އާރޗީގެ ޑައިޕާ ބަދަލުކުރަން އުޅުނު ވަގުތެއްކަމަށާއި، އަދި އެވަގުތު ވަރަށް ގަދަޔަށް ބަނޑުގައި ރިއްސައިގަންކަމަށެވެ. ދަރިފުޅު އަތުގައި ބާއްވައިގެން ތަޅުންގަނޑަށް ތިރިވި ކަމަށާއި، ނަމަވެސް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެވަގުތުވެސް އިހްސާސްކުރެވުނު ކަމަށް މޭގަން ބުންޏެވެ.
މޭގަން ބުނީ، އެވަގުތު އޭނަގެ އަލަތު ދަރިފުޅުގެ ގައިގައި ބައްދާލައިގެން ހުރިއިރު، ދެވަނަ ދަރިފުޅު ގެއްލެން އުޅޭ ކަމުގެ އިހްސާސްވެ އެކަން އެނގުނު ކަމަށެވެ.
އެއަށްފަހު އޭގެ އެއްގަޑިއިރު ފަހުން މޭގަން ހޮސްޕިޓަލަށް ގެންދެވުނުއިރު، ދަރިފުޅު ބައިގެންދިޔަކަން ކަށަވަރުވުމުން، އެވަގުތު މޭގަން އާއި ފިރިކަލުން ހެރީގެގެ ލޯ ކަރުނުން ފުރުނުކަމަށް މޭގަން ސިފަކޮށްދީފައިވެއެވެ.
މޭގަންގެ ދެވަނަ ދަރިފުޅު ބައިގެންދިއުމުގެ ތަޖުރިބާ މުޅި ދުނިޔެއާއި ހިއްސާކޮށްފައި މިވަނީ، އެ ފަދަ މީހުންނަށް އެމީހުންގެ އިހްސާސްތައް ބޭރުކުރުމަށް ހިތްވަރުދީ އެކަމުން ފަސޭހަވެ ދިރިއުޅުމައިގެން ކުރިއަށްދިއުމަށް ބާރުއެޅުމުގެ ބޭނުމުގައި ކަމަށް މޭގަންގެ ވާހަކައިގައި ހިއްސާކޮށްފައިވެއެވެ.




