އެމެރިކާގެ ކޭބަލް ޗެނަލް އެއްކަމުގައިވާ "ލައިފްޓައިމް" ޗެނަލް އިން، ޕްރިންސް ހެރީ އާއި މޭގަން މާކަލް ހަޔާތަށް ބިނާކޮށް އިތުރު ފިލްމެއް ހަދެމުގެ މަސައްކަތް ފަށައިފިއެވެ.
މީގެ ކުރިން އެ ޗަނަލް އިން ވަނީ "ހެރީ އެންޑް މޭގަން" ގެ ނަމުގައި ދެ ފިލްމެއް ގެނެސްދީފައެވެ. އެއީ "ހެރީ އެންޑް މޭގަން: ރޯޔަލް ރޮމޭންސް"، އަދި "ހެރީ އެންޑް މޭގަން: ބިކަމިން ރޯޔަލް" އެވެ.
މި ދެ ފިލްމްގެ ތެރެއިން، ފުރަތަމަ ނެރުނު ފިލްމަކީ، މޭގަން އާއި ޕްރިންސް ހެރީ ކައިވެނި ކުރުމުގެ ކުރިން، އެދެމީހުންގެ ލޯބީގެ ގުޅުން ފެށުނު ގޮތް ކިޔައިދޭ ފިލްމެވެ. އަދި ދެވަނަ ފިލްމަކީ، ޝާހީ އާއިލާއާއި ގުޅުމަށްފަހު ދެމީހުންގެ ދިރިއުޅުން ދައްކައިދިން ފިލްމެކެވެ.

އެގޮތުން މަސައްކަތް ފަށައިފައިވާ ތިން ވަނަ ފިލްމަކީ، ޕްރިންސް ހެރީ އާއި މޭގަން ޝާހީ އާއިލާ ޒިންމާތަކުން އެކަހެރިވެ، ވަކިން އަމިއްލަ ދިރިއުޅުމެއް ފެށެމުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެވެ.
މި ފިލްމްގެ މަސައްކަތް ފަށައިފައިވާކަން އެނގިފައިވަނީ، މި ފިލްމްގެ ޝޫޓިން ކުރިއަށްދާ ސެޓުން، ޕްރިންސް ހެރީ އާއި މޭގަންއާ ވައްތަރު ދެ އެކްޓަރުން ފެންނަ ފޮޓޯއެއް ދާދިފަހަކުން އާއްމުވުމާއެކުއެވެ.



