އަވަށްޓެރި ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ދާދި ދެންމެ ވިދާޅުވީ، އެ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ތޫފާން "ބުރެވި" އަށް ބަދަލުވެފައިވާ ކަމަށެވެ.
މި ތޫފާން ހުޅަނގަށް ދަތުރުކޮށް، ޑިސެމްބަރު 2 ވާ ބުދަ ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެ ކަމަށާއި، ތޫފާނަށް އަންނަމުންދާ ބަދަލުކޮށް ވަރަށް ގާތުން ބަލަމުން އަންނަކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓްް އޮފީހުން ވިދާޅުވީ، މި ތޫފާނުގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ.
"ލަފާކުރެވޭ ގޮތުގައި2 ޑިސެމްބަރު2020 ވާ ބުދަ ދުވަހުގެ ހަވީރު އަދި ރޭގަނޑުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މިކަންކަމާ ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް މެޓް އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލުތަކާއި އިންޒާރުގެ މެސެޖްތައް މެދުވެރިކޮށް ޢާއްމުކުރަމުން ގެންދާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.



