އިނގިރޭސި ވިލާތުގައި ކޮވިޑް ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުން ދީފިއެވެ.
އެޤައުމުން ހުއްދަ ދީފައި ވަނީ ފައިޒާ އާއި ބައޮންޓެކްގެ ވެކްސިން ބޭނުން ކުރުމުގެއެވެ.
މިއީ އިނގިރޭސި ވިލާތުގައި ކޮވިޑް ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ. ބޭރު ދުނިޔޭގެ ޚަބަރުތައް ބުނާ ގޮތުން އެ ޤައުމުން މިހާރު ވަނީ މި ވެކްސިންގެ 40 މިލިއަން ޑޯސް އަށް އޯޑަރ ކޮށްފައެވެ. މިއީ 20 މިލިއަން މީހުންނަށް ވެކްސިން ދެވޭނެ މިންވަރެވެ. މި ވެކްސިންގެ ޑޯސް ހަމަރުކުމަށް ކޮންމެ މީހަކަށް ދެ ވެކްސިން ދޭންޖެހެއެވެ.
މި ވެކްސިން އެޤައުމުގައި ހައި ރިކްސް މީހުންނަށް ވަރަށް އަވަހަށް ދޭން ފަށުމަށް ވަނީ ހަމަޖެހިފައެވެ.
އިނގިރޭސި ވިލާތުން ފައިޒާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ވާއިރު، އެމެރިކާގައިވެސް ވަނީ މި ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދިފައެވެ.
މި ވެކްސިން އުފައްދާފައި ވަނީ އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެންނެވެ. އެމީހުން އުފެއްދި ވެކްސިންގެ ތަޙްލީލްތަކުން މި ވެކްސިން ވަރަށް ކާމިޔާބެވެ. އެހެން ކަމުން ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މި ވެކްސިންގެ ވާހަކަ އަންނަނީ ވަރަށް ބާރަށް ދެކެވެމުންނެވެ.