މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގެ "އެކްސެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.
އެމް.އޭ.ސީ.އެލް އިން ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި، އެކުންފުނީގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގެ "އެކްސެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް، ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ޑިސެންބަރު 10 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދޭ ކަމަށްވެސް އެމްއޭސީއެލްގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެ ކަމަށާއި، މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު/ސީޕްލާން/ޓުއޯރ އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންވާނެ ކަމަށާއި، އަދި USD 10,000 (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަންބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ޑިސެންބަރު 30 ވާ ބުދަދުވަހުގެ މެންދުރު 1:00 ގައެވެ.




