މާލޭ ހުކުރު މިސްކިތް : ފޮޓޯ - ހެރިޓޭޖް މިނިސްޓްރީ

ހުކުރު މިސްކިތަށް ގެއްލުން ލިބޭތީ ގޯތިތެރޭހުރި ދެ ގަސް ހުޅުމާލެއަށް ބަދަލު ކުރަނީ 

މާލޭ ހުކުރު މިސްކިތަށް ގެއްލުން ލިބޭތީ މިސްކިތު ގޯތިތެރޭހުރި ދެ ގަސް ހުޅުމާލެއަށް ބަދަލު ކުރަން ނިންމާފައިވާކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

އެމަރުކަޒުން ވިދާޅުވީ މާލޭ ހުކުރު މިސްކިތު ދެކުނުފަރާތުގައި ހުރި ދެ ގަސް ހުޅުމާލެއަށް ބަދަލުކުރަން ނިންމީ އެ ދެ ގަހުގެ މުލުގެ ސަބަބުން މިސްކިތަށާއި ޒިޔާރަތަށް އަދި ވަޅަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީކަމަށެވެ.

އަދި އެ ދެގަސް ބަދަލުކުރަން ނިނަމާފައިވަނީ ހުޅުމާލޭ ސެންޓުރަލް ޕާކަށްކަމަށާއި އެ މަސައްކަތް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަންއާއި ގުޅިގެން ކުރުމަށް ހަމަޖެހިފައިވާކަމަށް އެ މަރުކަޒުން ވަނީ ވިދާޅުވެފައެވެ.

މާލެ ހުކުރު މިސްކިތް ބޭނުން ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތަށް މިސްކިތް މިދިޔަ އަހަރުގެ ތެރޭގައި ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މި އަހަރުގެ އޮކޮޓޫބަރ 1 ވަނަ ދުވަހުއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އަންނަނީ ދިވެހިންގެ ތެރޭގައި ހުރި ޒަމާންވީ ރިވެތި އާދަތައް ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އަދި ރާއްޖޭގެ އެކި ހިސާބުތަކުގައިހުރި ޒަމާންވީ އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްވެސް އެމިނިސަޓްރީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދެއެވެ. މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމާ ގުޅިގެން އައްސުލްޠާން މުޙައްމަދު އިބްނި ޢަބްދި ދަރުމަވަންތަ ރަސްގެފާނުގެ އަމުރުފުޅަށް ބިނާ ކުރެވުނު މި މިސްކިތް 1338 ގައި އަލުން ޢިމާރާތްކުރެއްވީ އައްސުލްޠާން އަޙްމަދު ޝިހާބުއްދީނެވެ.

މި މިސްކިތް މިހާރު ހުރި ގޮތަށް 1657 ގައި އަލުން އިމާރާތްކުރެއްވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ)އެވެ.

މާލޭ ހުކުރު މިސްކިތުގެ ބޮޑުމިނުގައި 199 އަކަފޫޓު ހުންނައިރު މި މިސްކިތަކީ އަތްތެރި މަސައްކަތްވަރަށް ރީތިކޮށް ފެންނަން ހުރި މިސްކިތެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ