މާލެ ސަރަހައްދުގައި 2 ދުވަހަށް މަޑުކޮށްފައި ފުރާ ފަތުރުވެރިންވެސް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެކަމަށް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ.
މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، އެކަމަށްޓަކައި ހާއްސަ ގައިޑްލައިންތަކެއް ލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ކަނޑައަޅައިފައެވެ.
ރޭ އެޗްއީއޯސީއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި މި ގައިޑްލައިންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ޓެގް ޓީމްގެ ޑޮކްޓަރ ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ، ފަތުރުވެރިއަކު މާލެ ސަރަހައްދުގެ ގެސްޓު ހައުސްއެއްގައި 48 ގަޑިއިރުގެ ނުވަތަ ދެ ދުވަހަށްވުރެ ގިނަ މައްދަތަކަށް ހުރުމަށްފަހު، ރިސޯޓަކަށް، ނުވަތަ ސަފާރީއަކަށް ނުވަތަ މީހުން ދިރިއުޅޭ ރަށަކަށް ދާނަމަ އަދި އެނބުރި ގައުމަށް ދާނަމަވެސް، ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެކަމަށެވެ.
މިގޮތަށް ގައިޑްލައިން ކަނޑައަޅާފައިވަނީ، ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަޅާ ރައްކަތެރި ފިޔަވަޅެއްގެ ގޮތުންކަމަށް އެޗްއީއޯސީ އިން ހާމަކުރެއްވިއެވެ. އެގޮތުން ވިދާޅުވީ، މިގޮތަށް ޓެސްޓުކުރާއިރު ޕީސީއާރު ޓެސްޓު ޕޮޒިޓިވްވެއްޖެނަމަ ވަގުތުން ކޮންޓެކްޓް ޓްރޭސިން ކުރެވި، ވަގުތުން ފިޔަވަޅު އެޅޭނެކަމަށެވެ.
ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ، މާލެ ސަރަޙައްދުގައި ގެސްޓްހައުސްތަކާއި ހޮޓެލްތައް ހުޅުވަން ނިންމީ، މާލެ ސަރަހައްދުން މީހުން ޕޮޒިޓިވްވާ ނިސްބަތް ކުރިއާއި އަޅާ ބަލާއިރު ދަށަށް ދިއުމުން ކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފަށައިގެން މާލެ ސަރަހައްދުގެ ކޮވިޑް-19 ގެ ސާމްޕަލްތަކުގެ އަދަދުން ޕޮޒިޓިވްވާ ނިސްބަތް ވަނީ 5 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓިފައިވާކަމަށް ހާމަކުރެއްވިއެވެ.



