ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ބޯޓެއް ޖަޒީރާ ގައުމެއް ކަމަށްވާ މާރޝަލް އައިލެންޑްސް އަށް ލައްގައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި މާރޝަލް އައިލެންޑްސްގެ ގޮނޑުދަށަށް ލެއްގި މި ބޯޓުގައި 649 ކިލޯގުރާމުގެ ކޮކެއިން ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގު 80 މިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާ ކުރެވެއެވެ.
މާރޝަލް އައިލެންޑްސްގެ އެކިއެކި ގޮނޑުތައްތަކަށް މަސްތުވާތަކެތި ލެއްގުމަކީ އާކަމެއް ނޫނެވެ. މީގެކުރިންވެސް މިފަދަ ގޮތްގޮތަށް މަސްތުވާތަކެތި ލައްގައިފައި ވެއެވެ. ނަމަވެސް މިހާ ގިނަ އަދަދަކަށް މަސްތުވާތަކެތި މާރޝަލް އައިލެންޑްސްގެ ގޮނޑުދަށަކަށް ލެއްގި މިއީ ފުރަތަމަ ފަހަރެވެ.
ފުލުހުންބުނީ މި މަސްތުވާތަކެތިތައް މިދިޔަ އަންގާރަ ދުވަހު ނައްތާލައިފައިވާނޭ ކަމަށާއި ނަމަވެސް، ޓެސްޓު ކުރުމަށް ދެ ޕެކެޓް އެމެރިކާގެ ޑުރަގް އެންފޯސްމެންޓް އެޑްމިނިސްޓްރޭޝަންއަށް ޓެސްޓު ކުރުމަށް ފޮނުވައިފައިވާނޭ ކަމަށެވެ.
މަސްތުވާތަކެތި ބަރުކޮށްފައި ހުރި ބޯޓުގެ ދިގުމިނުގައި 5.5 މީޓަރު ހުރިއިރު މި ބޯޓު އެންމެ ފުރަތަމަ ފެނިފައިވަނީ އާމުންގެ ބަޔަކަށެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި މި ބޯޓަކީ މެދުތެރޭ އެމެރިކާއިން ނުވަތަ ދެކުނު އެމެރިކާ ހިސާބަށް ނިސްބަތްވާ ބޯޓެކެވެ.




