ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެބަލިން ރަނގަޅުވި މީހުންގެ އަދަދު 53 މިލިއަނަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 75,442,628 އެވެ. އަދި މިބަލީގައި 1,671,560 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 53,000,198 މީހުންނެވެ.
މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 17,628,578 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 317,929 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮސިޓިވް ވެފައިވަނީ އަވައްޓެރި އިންޑިޔާ އިންނެވެ. އެޤައުމުން މިހާތަނަށް 9,979,447 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 144,829 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ތިންވަނައަށް އެންމެ ގިނަ ބައްޔަށް ޕޮސިޓިވް ވެފައިވަނީ ބްރެޒިލްއިންނެވެ. އެޤައުމުން މިހާތަނަށް 7,111,527 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 184,876 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މީގެ އިތުރުންވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިލިއަނަކުން މައްޗަށް އުޅޭ ގައުމުގެ ތެރޭގައި، ރަޝިއާ، ފްރާންސް، ސްޕެއިން، ޔޫކޭ، އިޓަލީ އާޖެންޓީނާ، ކޮލޮމްބިއާ، މެކްސިކޯ، ޖާރމަނީ، ޕޮލެންޑް އަދި އިރާން ހިމެނެއެވެ.




