އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދައިފައިވާ ފައިޒާ ވެކްސިން ޖަހައިފިއެވެ.
މައިކް ޕެންސް ވެކްސިން ޖަހައިފައިވަނީ މިކަމަށް ހާއްސަކޮށް ވައިޓް ހައުސްގައި ކުރިއަށްދިޔަ ހަފުލާއެއްގެ ތެރޭގައެވެ. ވެކްސިން ޖެހުމަށްފަހު މައިކް ޕެންސް ވިދާޅުވެފައިވަނީ، ކަމެއް ކުރިކަންވެސް އިހުސާސް ނުވާކަމަށެވެ.
ވައިޓްހައުސްއިން ބުނީ ނައިބު ރައީސް ގަޔަށް ވެކްސިން ޖަހައިފައިވަނީ ވެކްސިންގެ ރައްކާތެރިކަމާއި، ނަތީޖާ ނެރެވޭ އެއްޗެއްކަމާއި، އަދި އާންމު ރައްޔިތުންގެ މެދުގައި ވެކްސިނާއިމެދު އޮންނަ އިތުބާރު އިތުރުކުރުމުގެ މަގުސަދުގައި ކަމަށެވެ.
އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިނަކީ އެމެރިކާގައި ބޭނުން ކުރުމަށް މިހާތަނަށް ހުއްދަ ދީފައިވާ ހަމައެކަނި ކޮވިޑް-19 ވެކްސިނެވެ. ފައިޒާ ވެކްސިނަކީ ކޮވިޑް-19 އިން 95 އިންސައްތައިގެ ރައްކާތެރިކަން ފޯރުކޮށްދޭ ކާމިޔާބު ވެކްސިނެކެވެ.
އެމެރިކާގައި ފައިޒާ ވެކްސިން ދޭންފަށައިފައިވަނީ މިހަފްތާގެ ހޯމަދުވަހުން ފެށިގެންނެވެ. ފައިޒާ ވެކްސިން އެމެރިކާގައި އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ މަސައްކަތްތެރީންނަށާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ގެތަކުގައި ތިބި ފަރާތްތަކަށެވެ. އެމެރިކާގެ އާމުންނަށް މި ވެކްސިން ދެވޭވަރުވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުކަމަށް ރިޕޯޓުތައް ބުނެއެވެ.



