ކޮވިޑް-19 ދެމިއޮވެއްޖެނަމަ...!

ކޮވިޑް-19 ވަރަށް އަވަހަށް ފިލައިދިޔުން އެއީ އެންމެބޮޑު އުއްމީދެވެ. އެހެނަސް އެކަން އެހެންނުވެ ދިގުމުއްދަތަކަށް މިކަން ދެމިހިގައްޖެނަމަ ކަންތައް ވާނީ ކިހިނަކުންބާއެވެ؟

ކޮރޯނާ ވައިރަސް ޖެހިފައި ހުރި މީހެއްގެ އިހުސާސް ތިބާއަށް އެބަ ކުރެވޭތޯއެވެ؟ އެބަލީގެ އަލާމާތެއް އަދި ފެނިފައިނުވާ އެންމެން މިއަންނަނީ ބަލި ޖެހުނު މީހުންނަށް އެހީ ވުމުގައްޔާއި، ބަލި އިތުރަށް ފެތުރުނަ ނުދީ ވާނެގޮތްތައް ހޯދުމުގައި ގަދައަޅާ މަސައްކަތް ކުރަމުންނެވެ. މިކަމުގައި ޢާއްމުން ތިބީ ޤައުމުގެ ބޮޑުންނަށް ބަލަބަލައެވެ. ކުދި ޤައުމުތައް އޮތީ ބޮޑެތި ޤައުމުތަކަށް ބަރޯސާވެގެންނެވެ. ދުނިޔެ ކޮންޓްރޯލް ކުރަމުންދާ ބޮޑެތި ބާރުތަކުން ދޭ ލަފަޔާއި އިރުޝާދުތައް ނަކަލުކުރުން ނޫންގޮތެއް ނެތިފައެވެ. މުސްލިމް ޤައުމުތަކައްވެސް ހުރިހާކަމެއްގައި މިއަދު ބެލެނީ ދުނިޔޭގެ ބޮޑެތި ބާރުތަކުން ކަންކުރަމުން އަންނަ ގޮތަށެވެ. އެއީ ކާފަރު ޤައުމުތައްކަމުގައި ވީނަމަވެސް މެއެވެ.

ކޮރޯނާމިވަނީ ދުނިޔޭގެ ކުރިމަތީގައި ބަޠަލަކަށް ވެފައެވެ. މިނަން ނުދަންނަ ހަމައެކަކުވެސް ނެތްއިރު، މި މުޞީބާތުގެ ތެރެއިން ނާޖާއިޒު ފައިދާއެއް ހޯދުމަށް އެއްބަޔަކު އުޅެނީ އަވަދިނެތިއެވެ. ޤައުމުތަކުގެ ވެރިންބަލަނީ އެބައިމީހުންގެ މޮޅުކަމާއި، އެބަޔަކު ވެރިކަމަށް ގެނައި ޕާޓީ، ރައްޔިތުންގެ ކުރިމަތީ ޕްރޮމޯޓް ކޮށްލެވޭތޯއެވެ. އިދިކޮޅު ފަރާތްތަކުން ހޭބޯ ނާރާ ގޮވަމުންދަނީ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ސަރުކާރުތައް ނުކުޅެދިފައިވާ ވާހަކައެވެ. އެކްޓަރުންނާއި ފިލްމު އުފައްދާ ކުންފުނިތަކުން އެބައިމީހުންގެ ސްޓޫޑިއޯ-ހުނަރުތައް ދައްކާލުމުގައި މޮޅެތި ގޮތްގޮތަށް ވާދަކުރަނީއެވެ.

ކޮންމެ ބަޔަކަށްވެސް ހީވެފައި އޮންނަނީ ދެމަހެއް ތިންމަހެއްގެތެރޭގައި މިކަން ފިލައި ހިނގާދާނެކަމަށެވެ. އެހެންވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ. އެކަމަކު އެހެން ނުވެއްޖެއްޔާ، ދެން ވާނީ ކިހިނެއްބާއެވެ؟

އެދުވަހަކުން ދުނިޔޭގެ އިސް ސަފުގައި ތިބި ކާފަރުން، ގެތަކަށް ވަދެ މީސްތަކުންނާ ކުރިމަތިލާނޭ ހިތްވަރެއްނެތި، ފަހަތަށް ޖެހިދާނެއެވެ. އެއްވެސް ބާރުވެރިކަމަކަށް ކޮރޯނާ ތަބަޢަ ނުވާނެކަން އެނގި ގޮތް ހުސްވެދާނެއެވެ. ދެން ފެނިގެންދާނީ ކުރާނެކަމެއް ނޭނގި މީސްތަކުން ހޭލިމޭލިވެ އުޅޭ ދުވަސްތަކެކެވެ. ވެރިންގެ އަޅާލުމެއްލިބޭތޯ ދާނެ ދިމާއެއް ނެތި ޢާއްމުން ނާއުއްމީދުވާ މަންޒަރެވެ. ކޮންމެ މީހަކު އެމީހެއްގެ ނަފްސު ސަލާމަތްކުރެވޭތޯ ތެޅިގަންނަތަނެވެ. ތިމާގެ ބެލުމުގެ ދަށުގައިވާމީހުން ބަނޑުފުރާނަ މުއްތި ކުރުވާނެ މަގެއްފެނޭތޯ އަނެކުންނާ ހަނގުރާމަކުރަންވެސް ޖެހިލުންނުވާ ދަނޑިވަޅެވެ.

މިފަދަ ނިކަމެތި ޙާލަތަކަށް އިންސާނިއްޔަތު ވެއްޓި ދިއުމުން، ކޮންމެ މީހެއްގެ ފިޠުރަތް ހޭލާނެއެވެ. އޭނާ އުފައްދަވާ ގެންގުޅުއްވާ އިލާހުގެ އެހީއަށްއެދި އަތްތައް އުފުލަން ފަށާނެއެވެ. ކައުނު ހިންގަވަނީ އެއްކައުވަންތަ ރައްބެއްކަން ޤަބޫލު ކުރެވި ރުބޫބިއްޔަތުގެ މަދަދަށް އިންތިޒާރު ކުރެވޭނެއެވެ. ދެން ފެށިގެން އަންނާނީ އިންސާނިއްޔަތަށް ލޯބިކުރާ ބައެއްގެ އިސްނެގުމެވެ.

އަބަދުވެސް ﷲގެ މަޚުލޫޤުންދެކެ ލޯބިވާ މުސްލިމުން މިދަތިކަމުގެ ތެރޭވެސް އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށްވުރެ އަނެކާއަށް އިސްކަންދޭނެއެވެ. ނާމާންކަން ވެރިވެފައިވާ ބިންތަކުގެތެރެއިން އަމާންކަމުގެ އައްސޭރިއަށް މީސްތަކުން ނެރުމަށްޓަކައި ދެން އިސްނަގާ ޙަރަކާތްތެރިވާންފަށާނީ މުސްލިމުންނެވެ. އުންމީދީ ވާހަކަތަކާއި އިލާހިއްޔަތުގެ ހިތްވަރުން މީސްތަކުންގެ މޫނުތައް އުޖާލާކުރަން އެމީހުން މަސައްކަތް ފަށާނެއެވެ. އެންމެ ފުރަތަމަވެސް ބުނާނެ އެއް ވާހަކައަކީ، ތިޔަބައިމީހުން ގެތަކުގައި ނުތިބެ ﷲގެ ގެތަކަށް ދިއުމަށް އަވަސްވެގަންނާށެވެ. ޖަމާޢަތުގައި ނަމާދުކޮށް ތިޔަބައިމީހުންގެ ވެރިރައްބަށް ދުޢާކުރުން ގިނަކުރާށެވެ. ޝަދީދުލްޢިޤާބުގެ ވެރި ރައްބުގެ ޢަޛާބުން މިންޖުވާނީވެސް ރަޢޫފުއްރަޙީމުގެ އޯގާވަންތަކަމުން އެކަނިކަން ކިޔައިދިނުމުގައި އެމީހުން ދެމިތިބޭނެއެވެ. އިމާމް މުސްލިމްގެ މިރިވާޔަތުން މީސްތަކުންނަށް ފިލާވަޅު ބަޔާން ކޮށްދޭނެއެވެ. «وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللهِ، يَتْلُونَ كِتَابَ اللهِ، وَيَتَدَارَسُونَهُ بَيْنَهُمْ، إِلَّا نَزَلَتْ عَلَيْهِمِ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلَائِكَةُ، وَذَكَرَهُمُ اللهُ فِيمَنْ عِنْدَهُ»[رواه مسلم]  މާނައީ: "އަދި ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި (އެބަހީ: މިސްކިތެއްގައި) ބަޔަކު އެއްވެ، ﷲގެ ފޮތް ކިޔަވާ އަދި އެބައިމީހުންގެ މެދުގައި އުނގެނި ދަސްކުރާ ބަޔަކު ދަންނައެވެ. އެބައިމީހުންގެ މައްޗަށް މަޑުމޮޅިކަން ބާވައިލައްވާނެއެވެ. އަދި ރަޙްމަތުން ވަށާލެވޭނެއެވެ. އަދި (އެބައިމީހުންނަށް މާތްކޮށް ހިއްތެވުމުގެ ގޮތުން) މަލާއިކަތުން އެބައިމީހުން ވަށައިލައްވާނެވެ. އަދި ﷲ، އެއިލާހުގެ ޙަޟްރަތުގައިވާ މަލާއިކަތުންގެ އަރިހުގައި އެބައިމީހުންގެ (ވާހަކަ) ޛިކުރުކުރައްވާނެއެވެ."

އޭ ލޮބުވެތި މުސްލިމުންނޭވެ! ދިރި ދެމި ވޮޑިގެންވާ އިލާހަކު އެބަވެއެވެ. އެއިލާހުގެ މަދަދުވެރިކަމުން ނޫނީ ނަޖާތެއް ނުވެއެވެ. އަމާންކަމަކީ މަޚްލޫޤުންގެ މައްޗަށް ޚާލިޤުގެ ކިބައިން ނޫނީ ނުލިބޭނޭ ނިޢުމަތެކެވެ. ތިޔަބައިމީހުން ނިކަމެތިކަމާއެކު އެކަލާނގެއަށް އިސްތިޣްފާރުކޮށް، ދުޢާ ދެންނެވުންމަތީ ދެމިތިބޭށެވެ!

މިލިޔުން ކިޔާލުމުން
51
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ