އިންޑިއާއިން 10 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެއެވެ.
ކޮވިޑް-19ގެ ތަފާސްހިސާބު ގެނެސްދޭ ވޯލްޑްމީޓާރސް ވެބްސައިޓުގައި މިއަދު ބުނެފައިވަނީ، މުޅި ޖުމްލަ ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 10,013,478 އަރައިފައިވާ ކަމަށެވެ.
ޕޮޒިޓިވުވި މީހުންގެ އަދަދު 10 މިލިއަނަށްވުރެ މައްޗަށް އަރައިފައިވާއިރު އިންޑިއާއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 9,561,153 އެވެ. މިވަގުތު މިބައްޔަށް އިންޑިއާގައި ފަރުވާހޯދަމުން އަންނަ މީހުންގެ އަދަދަކީ، 307,027 އެވެ. މީގެތެރެއިން ސީރިއަސް ހާލަތުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 8,944 އެވެ.
ކޮވިޑް-19 ޖެހިގެން އިންޑިއާއިން 145,298 މީހުން މިހާތަނަށް މަރުވެފައިވާއިރު ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު ގައުމުތަކުގެ ލިސްޓުގައި އެމެރިކާގެ ފަހަތުން ދެވަނައިގައި އޮތީ އިންޑިއާއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނުތާ އަހަރުދުވަސްވާން ކައިރިވެފައިވާއިރު މުޅި ދުނިޔެއިން މިބައްޔަށް މިހާތަނަށް 76,183,987 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 1,684,836 މީހުންވަނީ މަރުވެފައެވެ.



