އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19އިގެ އާ ސްޓްރެއިންއާ ގުޅިގެން އެގައުމުން ދަތުރުކުރުން ވިލާތުގެ ގިނަ ގައުމުތަކަކުން މަނާކުރަން ފަށައިފިއެވެ.
މިހާތަނަށް ނެދަލެންޑްސް އަދި ބެލްޖިއަމްއިން އިނގިރޭސިވިލާތުން އެގައުމުތަކަށް ދަތުރުކުރުން މަނާކޮށްފައިވާއިރު، އިޓަލީ، ފުރާންސް، އަދި ޖަރުމަނުންވެސްވަނީ މިފަދަ ފިޔަވަޅެއް އަޅާފާނެކަމުގެ އިޝާރާތެއް ކޮށްފައެވެ.
މައުލޫމާތު ލިބޭގޮތުގައި އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19އިގެ އާ ސްޓްރެއިންއަކީ ކޮވިޑް-19ގެ އެހެން ސްޓްރެއިންތަކާއި ހިލާފަށް މާފަސޭހަކަމާއެކު އެކަކުގައިން އަނެއްކަކުގެ ގަޔަށް އަރާ ސްޓްރެއިންއެކެވެ. މިސްޓްރެއިންގެ ސަބަބުން ލަންޑަނާއި އަދި އިނގިރޭސިވިލާތުގެ އިރުދެކުނުގެ ސަރަހައްދުތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވުވާ ނިސްބަތް ވަރަށް ބޮޑުތަން އިތުރުވެފައި ވެއެވެ.
ކޮވިޑް-19 ފެތުރޭ މިންވަރު އިނގިރޭސިވިލާތުގައި އިތުރުވާން ފެށުމާއި ގުޅިގެން އިނގިރޭސިވިލާތުން އަނެއްކާވެސްވަނީ ބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން ފަށައިފައެވެ. މިގޮތުން ބޮޑުވަޒީރު ބޮރިސް ޖޯންސަންވަނީ ލެވެލް ހަތަރެއްގެ ފިޔަވަޅުތައް އެޅުމުގެ ހުއްދަ ދީފައެވެ. އިނގިރޭސިވިލާތުން މީގެ ކުރިން ނިންމާފައި އޮތީ ކްރިސްމަސް ފާހަގަ ކުރުމުގެ ގޮތުން އަންނަ ބުދަ ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމަޔަށް އެއްވެ އުޅުމުގެ ގަވާއިދުތައް ލުއި ކުރާށެވެ.
އިނގިރޭސިވިލާތުން ކޮވިޑް-19ގެ އާ ސްޓްރެއިން އެއް ފެނިފައި ވީނަމަވެސް މި ސްޓްރެއިންގެ ސަބަބުން ބަލީގައި މީހުން މަރުވުމުގެ ފުރުސަތު އިތުރުވާ ކަމުގެ ނުވަތަ އެއާ ދެކޮޅަށް ވެކްސިން މަސައްކަތް ނުކުރާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ.



