މާލޭ ސަރަޙައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްގެ މުވައްޒަފުން މަހަކު އެއްފަހަރު ޕީސީއާރު ޓެސްޓް ހަދަން ޖެހޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މާލޭ ސަރަހައްދުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތަކާއި ގުޅިގެން ކޮށްފައިވާ ސުވާލާއި ޖަވާބު ހާމަކުރަމުން އެޗްޕީއޭއިން ބުނީ، މިތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ކޮވިޑް-19އަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށާއި، އެހެންކަމުން މި މުވައްޒަފުން މަހަކު އެއްފަހަރު ޕީ.ސީ.އާރު ޓެސްޓް ހަދަން ޖެހޭނެކަމަށެވެ.
އަދި ކ.މާލެ ސަރަހައްދުގައި ގެސްޓްހައުސް ހިންގާއިރު ގެސްޓްހައުސް ހިންގަން މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ހުއްދަ ދޭނީ ކޯވިޑް-19 ސޭފް ޕްލޭނެއް އޮވެގެންކަމަށާއި، މާލޭގައި ޓޫރިސްޓަކު 48 ގަޑިއިރަށްވުރެ ގިނަ އިރު ހުރުމަށްފަހު، އެހެން ރިސޯޓެއް، ސަފާރީ ނުވަތަ އަތޮޅުތެރޭގެ ގެސްޓްހައުސްއެއްގައި ސްޕްލިޓް ސްޓޭ ހެދޭނީ ޕީ.ސީ.އާރު ނެގެޓިވް ޓެސްޓް ރިސަލްޓްއަކާއެކުކަމަށެވެ. އަދި ރިސޯޓެއް، ސަފާރީ ނުވަތަ އަތޮޅުތެރޭގެ ގެސްޓްހައުސްއެއްގައި ފުރަތަމަ ހުރުމަށްފަހު އޭގެ ފަހުން މާލެ ސަރަހައްދުގެ ގެސްޓްހައުސްއެއްގައި ހުރުމަށް ޕީ.ސީ.އާރު ޓެސްޓް ހަދާކަށް ނުޖެހޭނެކަމަށްވެސް އެޗްޕީއޭއިންވަނީ ބުނެފައެވެ.
އަދި ޑިޕާޗަރ ޓޫރިސްޓުން އެނބުރިދާ ޤައުމު ނުވަތަ ދަތުރުކުރާ އެއަރލައިންގެ ރިކުއާމަންޓްގައި ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭނަމަ، ޓޫރިސްޓް ހުންނަ ރިސޯޓު، ސަފާރީ، ނުވަތަ ގެސްޓްހައުސް ހުންނަރަށުން ފޭބުމުގެ ކުރިން ޕީ.ސީ.އާރް ނެގަޓިވް ޓެސްޓް ރިޒަލްޓް ހޯދަންވާނެކަމަށާއި، މާލެ ސަރަހައްދުގެ ގެސްޓް ހައުސް ނުވަތަ ހޮޓެލްއެއްގައި ޓްރާންސިޓްވާން ޖެހޭނަމަ އެތަނަކަށް ޗެކްއިން ވެވޭނީ ޕީ.ސީ.އާރު ނެގެޓިވް ޓެސްޓް ރިސަލްޓް އަކާއެކުކަމަށްވެސްވަނީ ބުނެފައެވެ.
މީގެއިތުރުން ބުނީ ރާއްޖެއަށް އަންނަ އެރައިވަލް ޓޫރިސްޓުން ރިޒޯޓް، ސަފާރީ ނުވަތަ އަތޮޅުތެރޭ ގެސްޓްހައުސް އަށް ދިޔުމުގެ ކުރިން މާލޭގައި ޓްރާންސިޓް ކުރިނަމަވެސް، 48 ގަޑިއިރު ނުވާނަމަ ޕީ.ސީ.އާރު ޓެސްޓް ހަދާކަށް ނުޖެހޭނެކަމަށާއި، ޓްރާންސިޓް ސްޓޭގައި ތިބޭ ޓޫރިސްޓުން ބޭރުގައި އުޅުން އަދި ފިހާރަތަކަށާއި ރެސްޓޯރަންޓްތަކަށް ދިއުން ހުއްދަ ނަމަވެސް މާސްކް އަޅާ އެހެންމީހުންނާ 3 ފޫޓުގެ ދުރުމިން ބަހައްޓަންވާނެކަމަށެވެ.