ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން އިއްޔެގެ ނިޔަލަށް ރާއްޖެ އައި ފަތުރުރިންގެ އަދަދު 139000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމާއިއެކު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާއިންނެވެ.
ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލުމާއިއެކު މަޑުމަޑުން ރާއްޖޭގެ ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނަށް ހުޅުވުމުގެ ހުއްދަދީ ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ފެސިލިޓީއެއް މިހާރު ވަނީ ހުޅުވާފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 15 ވަނަ ދުވަހުން ޑިސެމްބަރ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 139183 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ޖަނަވަރީ 1 ވަނަ ދުވަހުން ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 522030 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ބޯޑަރު ހުޅުވާލުމާއިއެކު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ މާކެޓްތަކުގެ ތެރޭގައި ހިމެނެނީ:
ރަޝިއާ:26484 އިންޑިއާ:23092 އިނގިރޭސިވިލާތް:16492 ޔޫ.އެސް.އޭ:7610 ޖަރުމަނުވިލާތް:6620 ޔޫއޭއީ:5810 ފްރާންސް:4615 ޔޫކްރެއިން:4160 ސްޕެއިން:2879 ބްރެޒިލް:2644
ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަހުން މަހަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލި ޖުލައިމަހު އެވްރެޖްކޮށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 100 ފަތުރުވެރިންނެވެ. ނަމަވެސް މިމަހުގެ 1 ވަނަ ދުވަހުން 22 ވަނަ ދުވަހުގެ ނިޔަލަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 2039 ގައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.




