ލެޓިން އެމެރިކާގެ ގައުމުތައް ކަމަށްވާ މެކްސިކޯ، ޗިލީ، އަދި ކޮސްޓަރިކާގައި ކޮވިޑް-19ގެ ވެކްސިން ދޭންފަށައިފިއެވެ.
މިގޮތުން ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ދޭންފަށައިފައިވަނީ، މެކްސިކޯގައެވެ. މެކްސިކޯގައި ވެކްސިންދޭން ފަށައިފައިވަނީ އިއްޔެއެވެ. އެންމެފުރަތަމަ ވެކްސިން ދީފައިވަނީ ނަރުހަކަށެވެ.
މެކްސިކޯއިންވަނީ ކޮވިޑް-19ގެ ވެކްސިނެއް ކަމަށްވާ ފައިޒާ ވެކްސިންގެ 3،000 ޑޯޒް އެގައުމަށް އެތެރެ ކޮށްފައެވެ. މެކްސިކޯއަކީ ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ގައުމެވެ.
ޗިލީ އަދި ކޮސްޓަރިކާގައިވެސް ކޮވިޑް-19ގެ ވެކްސިން ދޭންފަށައިފައިވަނީ އިއްޔެއެވެ. ނަމަވެސް މެކްސިކޯގައި ވެކްސިން ދޭންފެށިފަހުންނެވެ. ޗިލީ އަދި ކޮސްޓަރިކާގައިވެސް ދޭންފަށައިފައިވަނީ ފާއިޒާ ވެކްސިނެވެ.
ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ އާރޖެންޓީނާއިންވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑް-19ގެ ވެކްސިން ދޭންފަށާނެއެވެ. އާރޖެންޓީނާއިން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރަޝިއާގެ ކޮވިޑް-19 ވެކްސިނެވެ. މި ވެކްސިންގެ 300،000 ޑޯޒް ގެނައުމަށް އާޖެންޓީނާއިންވަނީ ނިންމައިފައެވެ.
ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ބުރެޒިލުން ކޮވިޑް-19 ވެކްސިން ދޭންފަށާނެކަން ހާމަކޮށްފައިވަނީ އަންނަ އަހަރުފެ ފެބުރުއަރީ މަހުގެ މެދުތެރޭގައެވެ. ބުރެޒިލުގެ ރައީސްވަނީ ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ދެކޮޅު ހައްދަވައިފައެވެ.



