ޅ.ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއިން ފަށައިފިއެވެ.
މި މަސައްކަތްތައް ފައްޓަވާދެއްވާފައިވަނީ، ނައިފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުއާއި ޅ.ނައިފަރު ކައުންސިލްގެ ރައީސާ އަލްފާޟިލާ ވިދާދު އަބްދުﷲ އެވެ. މި ރަސްމީޔާތުގައި އެ ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޅ.ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މީގެ ކުރިން އެހެން ފަރާތަކާއި ހަވާލުކުރެވިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލްކޮށްފައި ވަނީ މިއަހަރުގެ އޮކްޓޯބަރު 26 ގައެވެ.
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ހޮޅީގެ މައި ނެޓްވޯރކްގެ ނުނިމިވާ 3 ކިލޯ މީޓަރގެ ފެން ހޮޅި އެޅުމާއި، އާރް.އޯ ޕްލާންޓްގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި އާރް.އޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމިހުރި މަސައްކަތާއި، ފެންރައްކާކުރުމަށް ބެހެއްޓިފައިވާ ތާންގިތަކުގެ ނުނިމިހުރި މަސައްކަތާއި، ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް ކުރުންވެސް ހިމެނޭކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވިއެވެ.
މީގެ އިތުރުން މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯރކްގެ ނުނިމިވާ 3.5 ކިލޯ މީޓަރުގެ ނެޓްވޯރކް ޤާއިމްކުރުމާއި، 360 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ޕަމްޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި، 1 ސީ އައުޓް ފޯލް ޤާއިމްކުރުމާއި، ވޭލް ޗެމްބަރ ބެހެއްޓުމުގެ މަސައްކަތާއި އެސް.ޓީ.ޕީ ބިލްޑިންގ ގެ ނުނިމި ހުރި މަސައްކަތާއި އެސް.ޓީ.ޕީ ގެ ސިވިލް އަދި އިލެކްޓްރޯމެކޭނިކަލް މަސައްކަތް ހިމެނޭކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެކަމަށާއި، މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާކަމަށް އެ ކުންފުނިންވަނީ ވިދާޅުވެފައެވެ.
ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
5 މަސް ދުވަހުގެ މުއްދަތަކަށް ޙަވާލުކޮށްފައިވާ ޅ. ނައިފަރު ނަރުދަމާގެ އަގަކީ 24،266،061.64 ރުފިޔާއެވެ. އަދި އެރަށު ފެނުގެ ނިޒާމުވެސް މިމުއްދަތުގައި ނިންމަން ޙަވާލުކޮށްފައިވާއިރު، އަގަކީ 13،136،034.10 ރުފިޔާއެވެ.
މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ނައިފަރުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.