ލޯކަލް ކައުންސިލް އިންތިހާބުގެ މަރުތަޅު ސަރުކާރުން އެދެފިނަމަ މަޖިލިސްއަށް ނައްޓުވައި ނުލެވެނެތޯ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ސުވާލު ކުރައްވައިފިއެވެ.
އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގެ ގޮތުން، ޤާނޫނަށް އިސްލާހު ގެނައުމަށްޓަކައި ދަޢުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބޭއްވުމަކީ މަޖިލިސް ޤަވާއިދުގެ45 (ރ) ބުނާ ގޮތުން ކުރެވޭނެ ކަމެއްކަމަށެވެ.
އާދަމް ޝަރީފް އުމަރު ވަނީ ސަރުކާރުގެ ސްޕަރ މެޖޯރިޓީ މަޖިލިސްގައި އޮންނައިރު ސަރުކާރުން އެދެފިނަމަ ލޯކަލް ކައުންސިލް އިންތިޚާބުގެ މަރުތަޅު މަޖިލިސް އިން ނައްޓުވައި ނުލެވޭނެތޯ ސުވާލު ކުރައްވާފައެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވާއިރު ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުން ވަނީ މަރުތަޅު އަޅުވާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން ކައުންސިލް އިންތިޚާބު ބާއްވަން އެކަށޭނެ ބަޖެޓެއް ނުދީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުން މަރުތަޅު އަޅުވާފައި ވާކަމުގައި އޭނާ ވިދާޅުވިއެވެެ.
#LCE beyvvumuge gothun, qaanoonah islaah genaumattakai dhaurun beyrun khaassa jalsaaeh beyvvumakee Majlis Qawaidhuge 45 (Raa) bunaagothun kureveyne kameh. Super majority onnairu sarukaarun edhefinama LCE ge maruthalhu @mvpeoplesmajlis in nattuvai nulevveynethoa @MohamedNasheed ?
— Adam Shareef Umar (@Adamshareefz) December 28, 2020
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސަންސެޓް ޤާނޫނުގައި ބުނާ ގޮތުން އެ ޤާނޫނު ތަސްދީޤު ކުރާތާ އަހަރު ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ޖެހެއެވެ. މި ތާރީޚް އަންނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހަށް ހަމަވާނެއެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ދަނީ މި އިންތިޚާބު އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރު ވަމުންނެވެ. ނަމަވެސް އިންތިޚާބު ބޭއްވޭނެ ވަކި ތާރީޚެއް އަދި ޔަޤީންވެފައެއް ނުވެއެވެ.
އިންތިޚާބު ބާއްވަން ޖެހޭ އެންމެ ފަހު ތާރީޚް އަންނަ އަހަރުގެ މެއި މަހު ހަމަވާއިރު، ރޯދަމަސް އަންނަ އަހަރުގެ އޭޕްރީލް މަހުގެ މެދުތެރޭގައި ފެށޭނެއެވެ.