މީހުން ރުއްސަން އުޅުމަކީ ދުވަހަކުވެސް ނުފިލާނެ ކަރުހިއްކުމެއް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ކިތަންމެވަރަކަށް އުޅުނަސް އެންމެން ތިބާއާއި މެދު ރުހޭނެ ގޮތަކީ ނެތް ގޮތެއްކަމަށާއި، ބުއްދިވެރިޔާ ބަލާނީ އޭނާގެ ވެރި ރައްބުގެ ރުއްސެވުން ލިބޭތޯކަމަށް ޒައިދު ވިދާޅުވިއެވެ.
އެތައްބަޔަކާއި ދިމާވެ ގިނަބަޔަކާއި ކުރިމަތިލައި އުޅެންޖެހިފައިވާ މި ދުނިޔޭގައި އެންމެން ހިތަހަމަޖެހޭ ގޮތަށް ކަންތައްތަށް ކޮށްދިނުމަކީ ކުރެވޭވަރުކަމަށް ނުވެއެވެ.
ދުނިޔޭގައި ދިރިއުޅެމުންދާއިރު ކަންކަމުގައި އެކި މީހުންގެ ހިޔާލުތަފާތުވެ، އެކި މީހުންގެ މެދުގައި ހަމަނުޖެހުން އުފެދުމަކީ އަޅުގަނޑުމެންގެ ލޯމަތިން ފެންނަމުންދާ ހަގީގަތެކެވެ. ދުނިޔެވީ ކަންކަމާއި ސިޔާސީ ކަންކަމުގައިވެސްމެއެވެ. އެކުވެރިންނާއި، އާއިލާގެ ތެރޭގައިވެސްމެއެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް އެއްވެސް ކަމެއްގައި ހުރިހާއެންމެން ހިތްހަމަޖެހޭގޮތަށް ކަންތައްކޮށްދިނުމަކީ ނުވާނޭ ކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
އަމިއްލަ އުފާތަކާއި ހިތްހަމަޖެހުން ގުރުބާންކޮށްފައި މީހުން ރުއްސަން އުޅުމަކީ ވާވަރުކަމަކަށް ނުވެއެވެ. ގިނަ ކަންކަމުގައި އެއްބައެއްގެ ރުހުން ލިބުނުކަމުގައި ވިޔަސް އަނެއްބައެއްގެ ރުހުން އޮންނަނީ ނުލިބިފައެވެ. އެހެން ކަމުން އެންމެންގެ ރުހުން ލިބޭތޯ ބެލުމުގެ ބަދަލުގައި މާތްﷲ ގެ ރުއްސެވުން ލިބޭތޯ ބެލުމަކީ ފަހުން އެކަމުގެ ފައިދާ ކުރާނެ ކަމެއްކަން ޔަގީނެވެ.
މާތްﷲ އެންގެވިގޮތަށް އުޅެ އާޚިރަތް އުޖާލާކުރެވޭތޯ ބަލަމާހިނގާށެވެ. މި ފަނާވަނިވި ދުނިޔެއާ އަލްވަދާއުކިޔާނެ ދުވަހެއް، ވަގުތެއް ނޭނގުނުކަމުގައި ވިޔަސް މި ދުނިޔެ ދޫކޮށް ދާންޖެހޭނެކަމީ އެންމެނަށްވެސް އިނގޭ ކަމެކެވެ. އެހެންކަމުން މާތްﷲ އެންގެވިގޮތަށް އުޅެ ދެން އަންނަން އޮތް ދުނިޔެ އުޖާލާކުރެވޭތޯ ބަލަމާހިނގާށެވެ.
މި ދުނިޔެމަތީ ހުރިހާ އިންސާނުންގެ ރުހުން ނުލިބުނުކަމުގައި ވީނަމަވެސް މާތްﷲ ގެ ރުއްސެވުން ލިބިއްޖެ މީހަކީ ނަސީބުވެރިއެއްކަން ޔަގީނެވެ.




