ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުގައި މުޅިން އަލަށް ކިޑްނީ ބަލީގެ ޑޮކްޓަރެއްގެ ހިދުމަތް ދޭން ފަށައިފިއެވެ.
އެހޮސްޕިޓަލުން ބުނީ، 2020 ވަނަ އަހަރު މިނިންމާލަނީ އިތުރު އުފާވެރި ހަބަރަކާއެކުކަމަށާއި އެގޮތުން އެހޮސްޕިޓަލުގައި މުޅިން އަލަށް ކިޑްނީ ބަލީގެ ޑޮކްޓަރެއްގެ ހިދުމަތް ފެށިފައިވާކަމަށެވެ.
އަދި މިއާއެކު ކިޑްނީ ބަލީގެ ފަރުވާ ހޯދާ މީހުންނަށް ފަރުވާ ދިނުމުގައި އިތުރު ކުރިއެރުންތަކެއް ލިބި، ޑަޔަލިސިސް ހަދަން ޖެހޭ މީހުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އުންމީދުކުރާކަމަށް އެހޮސްޕިޓަލުންވަނީ ބުނެފައެވެ.
މީގެއިތުރުން އެހޮސްޕިޓަލާއި އަލަށް ގުޅުނު ދިވެހި ދެ ޑޮކްޓަރުންނާއެކު (ޑރ. ފައިސަލް އަދި ޑރ. ލީނާ) ކުޑަކުދިންގެ ޑިޕާޓްމަންޓާއި، އެމަޖެންސީ ވާޑްގެ ފަރުވާއާއި ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ޤަބޫލުކުރާކަމަށާއި، އެ ހޮސްޕިޓަލުގެ ކްލިނިކަލް ޑިވިޝަން މި ދެ ޑޮކްޓަރުންގެ ތަޖުރިބާގެ އަލީގައި އިތުރަށް ކުރިއަރައިގެން ދާނެ ކަމުގައި ޔަޤީން ކުރާކަމަށްވެސް އެހޮސްޕިޓަލުންވަނީ ބުނެފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްއަކީ ރާއްޖޭގެ އުތުރުގެ ބޮޑު އާބާދީއެއް ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އަދި ކޮވިޑް-91 ގެ މިހާލަތުގައި މާލެ ދިއުމުގެ ބަދަލުގައި ރާއްޖޭގެ ދެކުނުންވެސް ގިނަ ބަޔަކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ސިއްޙީ ފަރުވާ ހޯދުމަށް އަންނަމުންދާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްޚީ ނިޒާމު ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިސަރުކާރުންވަނީ ފަށާފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ގަމު ހޮސްޕިޓަލުގެ ސީ.ޓީ ސްކޭންގެ ޚިދުމަތް އިފްތިތާޙް ކޮއްދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ލާމަރުކަޒީ ކުރުމުގެ މުހިންމުކަމަށް ޢިޝާރާތްކުރައްވާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ތަކުލީފަކަށްނުވެ، ރައްޔިތުންނާއި ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ލިބޭނެގޮތްތައް ހޯދައިދިނުންކަމަށެވެ.
އަދި މިދިޔަ މަހުވަނީ ފުރަތަމަ ފަހަރަށް ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭނެއް ހަދައިފައެވެ.
.https://feshun.wonstasite.com/105858