އެމްޕީއެލްގައި ބިއްލޫރި ޕަލެޓްއެއް ވެއްޓި މީހަކު ތާށިވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑިއެފް އިން ވިދާޅުވީ އެމްޕީއެލްގައި ބިއްލޫރި ޕަލެޓްއެއް ވެއްޓި މީހަކު ތާށިވެގެން ހަރަކާތްތެރިވާ ފަށާފައިވާކަމަށާއި، މި ހާދިސާގެ ރިޕޯޓް އެފަރާތައް ލިބިފައި ވަނީ މިރޭ 7:45 ހާއިރު ކަމަށެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ބައެއް މީހުން ވަނީ ޒަހަމް ވެފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އޭނާ ތާށި ވެފައި ވަނީ ކޮންޓެއިނަ ތެރޭގައި ހުރި ބިއްލޫރި ޕަލެތް އަރިއަޅާލައިގެން ކަމަށާއި، އަދިވެސް އޭނާ އިނީ ތާށިވެފައި ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ ފަޔަރ ޓީމުން އޭނާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމުގައި އެމްއެންޑީއެފް ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ކޮންޓެއިނަރ ބޭރު ކަފާލައިގެން އެމީހާ ސަލާމަތް ކުރުމުގެ މަސައްކަތް ފަޔަރ ޓީމުން ކުރަމުން ދާކަމަށެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގައި ބިއްލޫރި ޕަލެޓެއް ވެއްޓި އަނިޔާ ވުމާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މީހަކަށް ފަރުވާ ދެމުންދާކަމަށާއި، އަދި މި ހާދިސާގައި އެކަކު ބިއްލޫރި ޕަލެޓް ދަށުވެ ތާށިވެފައިވާކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގައި ބިއްލޫރިތަކުގެ ދަށުވި މީހާ ސަލާމަތްކޮށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުދާކަމަށެވެ.
ފުލުހުންވެސް ވަނީ އޭނާ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.



