ކޮވިޑް-19: ހަތް މީހަކު ޕޮޒިޓިވުވުމާއި ގުޅިގެން ދެއްވަދޫ މޮނިޓަރިންނަށް ލައިފި

ހަތް މީހަކު ގއ. ދެއްވަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވުވުމާއި ގުޅިގެން އެރަށް މޮނިޓަރިންނަށް ލައިފިއެވެ.

ދެއްވަދޫ މޮނިޓަރިންނަށް ލައިފައިވަނީ، އެރަށުގައި ހޯމްކަރަންޓީންގައި ހުރި އުމުރުން ހަތަރު މަހުގެ ކުއްޖަކާ އެކުއްޖާ އާއި ބައްދަލުވި މީހަކާ އަދި އެމީހާ އާއި ބައްދަލުުވި ބަޔެއް ކަމަށް މައުލޫމާތު ލިބެއެވެ.

ދެއްވަދޫ ކައުންސިލުގެ ރައީސް އިބްރާހިމް ތައުފީގް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ މިދިޔަމަހުގެ 24 ވަނަ ދުވަހު ކަމަށާއި އެންމެ ފުރަތަމަ އަތޮޅު ހޮސްޕިޓަލުން އަންގައިފައިވަނީ އެކުއްޖާގެ ނަތީޖާ ނެގެޓިވު ކަމަށެވެ.

"އަތޮޅު ހޮސްޕިޓަލުން މެސެޖު ކޮއްފައި އޮތީ އެދުވަހު ޓެސްޓުކުރި ހުރިހާ ސާމްޕަލްތަކެއް ނެގެޓިވު ކަމަށް. މިހެން އެންގުމުން ކަރަންޓީނުގައި ހުރި އެންމެން ނިކުތީ. ހުރިހާ އެންމެން ނިކުތްފަހުން ހޮސްޕިޓަލުން އަލުން އެންގީ ހަތަރު މަހުގެ ކުއްޖާގެ ނަތީޖާ ނުލިބޭ ކަމަށް. އެދޭތެރޭގަ އެކުއްޖާ އުރައިގެން އުޅުނު މީހާ ޕޮޒިޓިވު މިވީ" އިބްރާހިމް ތައުފީގް ވިދާޅުވިއެވެ.

އުމުރުން ހަތަރު މަހުގެ ކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވުވިކަން ހޮސްޕިޓަލުން އެނގުމުން އެކުއްޖާ އާއި ބައްދަލުވި ފަރާތްތައްވެސް ހޯމް ކަރަންޓީނު ކުރި ކަމަށާއި ނަމަވެސް ބައްދަލުވި އެކަކު ޕޮޒިޓިވުވެ އެމީހާ އާއި ބައްދަލުވި އިތުރު ހަމީހަކުގެ ކިބައިން އަލާމާތްތައް ފެނިގެން ޓެސްޓު ކުރިއިރު އެމީހުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ.

ދެއްވަދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވުވި ފަރާތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ ހައިރިސްކް މީހަކުވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ