“ދީނުގެމަގު" މިއީ އިސްލާމްދީނުގެ އާންމު މައުލޫމާތުތަކާއި، ފިލާވަޅުތައް ހިމަނައިގެން އިސްލާމްދީނުގެ ޢިލްމު ދިވެހި ފަސްގަނޑުގައި ފެތުރުމުގެ މަތިވެރި މާތް މަޤްޞަދުގައި ޝާއިޢުކުރެވޭ ހަފްތާ މަޖައްލާއެކެވެ.
މުހިއްމު މައުޟޫޢުތަކަށް ކުރު މަޒުމޫނުތަކެއް ހިމަނައިގެން ފަރުމާކުރެވިފައިވާ މި މަޖައްލާގެ މަގުސަދަކީ ހަފްތާއަކު އެއް ފަހަރު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ދީނީގޮތުން އައު ދަރުހަކާއި، އިރުޝާދެއް ފޯރުކޮށްދިނުމެވެ.
މިނަމުގައި އެންމެ ފުރަތަމަ މަޖައްލާއެއް ޝާއިޢު ކޮށްފައިވަނީ ދިވެހި ދައުލަތުގެ ފަރާތުންނެވެ. އެއީ، 1987ން 2008އަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހު ނެރުނު ޙަފްތާ މަޖައްލާއެވެ. އޭރުގެ ރައީސުލް-ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ އިސްލާމީ ދަޢުވަތުގެ އަލިގަދަ ދަންމަރެއްގެ ގޮތުގައެވެ.
ފަސޭހައިން ވިސްނޭހެން ސާދާ ޢިބާރާތުން ހުރިހާ މައުލޫމާތެއް ފޯރުކޮށްދެވޭތޯ މި މަޖައްލާގެ ލިޔުންތެރިން ވަރަށްބޮޑަށް ބައްލަވާނެއެވެ.
އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު މީސްތަކުންގެ މެދުގައި ފަތުރަން މަސައްކަތް ކުރުން އެއީ ހުރިހާ ޒަމާނަކަށް ނުހަނު ބޭނުން ޖެހިފައިވާ ކަމަކަށްވާއިރު، ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު ބަހަމުންގެންދެވި "ދީނުގެމަގު" ދިވެހިރާއްޖޭގެ ކޮންމެ ގެއަކަށް ކަހަލަ ގޮތަކަށް ވަނީ ފޯރާފައެވެ. ދިވެހި މުޖްތަމަޢަށް އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު ރަނގަޅު ދަލީލާއެކު އެނގުމުގެ މުހިއްމުކަން މިއަދު ވަކިން ކުޑައެއްނޫނެވެ.
މިރާއްޖޭގެ ހީވާގި ޢިލްމުވެރިން މިހާރުވެސް އިސްލާމްދީނުގެ ޞައްޙަ މައުލޫމާތާއި އެދީނުގެ ދަޢުވަތު ފަތުރުއްވަން އެކަމަށް އެންމެ އެކަށީގެންވާ ގޮތްގޮތުގައި ނުހަނު ބުރަކަމާއެކު މަސައްކަތްޕުޅުތަކެއް ކުރައްވައެވެ. "ދީނުގެމަގު" މަޖައްލާއަކީ ވެސް އެ ސިލްސިލާއަށް އިތުރު ކޮށްލެވޭ ކުޑަ ބޮޅެކެވެ.
މި މަޖައްލާ ދެވަނަ ފަހަރަށް ވުޖޫދު ކުރުމަށް ކުރެވުނު މަސައްކަތްތަކަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދެއްވި އެއްބާރުލެއްވުން މިމަޖައްލާ ނެރުއްވާ ފަރާތްތަކުން އުފަލާއެކުވަނީ ފާހަގަ ކުރައްވާފައެވެ. އެ މުވައްސަސާތަކުން މިކަމުގައި އުޅުއްވި ކޮންމެ މުވައްޒަފެއްގެ ވެސް މޫނު މަތިން ފެނުނު ހިނިތުންވުމާ އުފާވެރިކަން އެއީ "ދީނުގެމަގު" ދުވަހަކުވެސް ހަނދާން ނެތޭނެ ކަމެއް ނޫންކަންވަނީ ފާހަގަކުރައްވާފައެވެ.
ހޯމް މިނިސްޓްރީގެ ދަފްތަރުން 2019/2203 ވަނަ ރަޖިސްޓްރީ ނަމްބަރުގައި މި މަޖައްލާ، 2019 ވަނަ އަހަރު ޖުލައި މަހުގެ 23 ވަނަ ދުވަހު ޖާގަހޯދާފައިވާއިރު، މިއަދު "ދީނުގެމަގު" މިވަނީ އައު ދަތުރަކަށް މިސްރާބު ޖަހާފައެވެ.
މާލޭ ސަރަޙައްދާއި، އަތޮޅުތެރޭގެ ރަށްރަށުގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ވެސް މި މަޖައްލާ މުޅިން ހިލޭ ބެހޭނެކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި އިތުރު ރަށްރަށަށް މަޖައްލާ ފޮނުވުމަށް "ދީނުގެމަގު" ޓީމުން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.
މި މަޖައްލާ ޝާއިޢުކުރަން ފުރަތަމަ ކަނޑައެޅި ތާރީޚަކީ 3 ޖަނަވަރީ 2020 ކަމުގައިވީނަމަވެސް ދުނިޔޭގެ މަޝްރަޙަށް އައި ލޮޅުމުގެ އަސަރު އެ މަސައްކަތައް ވެސް ކުރުމާއިގުޅިގެން "ދީނުގެމަގު" ވުޖޫދު ކުރެވިފައިވަނީ މިއަދު، 8 ޖަނަވަރީ 2021ގައެވެ. މިކަމުގެ ހުރިހާ ޙަމްދަކާއި ތަޢުރީފެއް ހުރީ ގަދަކީރިތި ވަންތަ މާތް ﷲ އަށްކަމަށާއި، ދުޢާއަކީ މި މަސައްކަތް ﷲ ރުހިވޮޑިގަންނަވާ މަސައްކަތެއް ކަމުގައި ވެގެންދިއުންކަމަށް "ދީނުގެމަގު" ގެ ހީވާގި ޓީމުން ވިދާޅުވިއެވެ.
އަދި އުންމީދަކީ މިކަމުގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް، މިއީ ޞަދަޤަ ޖާރިއާއެއް ކަމުގައި ވެގެންދިއުމެވެ.




