2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭ ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލައިފައި ހުއްޓާ ހޯދި 149 ކިލޯގެ މަސްތުވާތަކެއްޗާއިން ގުޅިގެން ދައުލަތުގެ ފަރާތުން ކުރި ދައުވާތައް ގދ. ގައްދޫ ކޯޓުން ބޭރުކޮށްލައިފިއެވެ.
މި މައްސަލައިގައި ދައުލަތުގެ ފަރާތުންވަނީ ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ. މި ފަސް މީހުންނަކީ، ގއ. ކޮނޑޭ ގަހާކޯޅި، އަހުމަދު އަނިލް އާއި އެ ރަށު ރޮމޭންސް، ޝަފީޒް މުހައްމަދާއި ގއ. ނިލަންދޫ ފިރްޝާންވިލާ، އަލީ ޝާކިރުގެ އިތުރުން ގައްދޫ އެދުރުގޭ، ޔާމިހް ހާލިދާއި އެގޭ އަހުމަދު ޚަލީލަށެވެ.
މި މައްސަލައިގައި ދައުލަތުގެ ފަރާތުން އެންމެ ފުރަތަމަ ދައުވާ ކޮށްފައިވަނީ ކުރިމިނަލް ކޯޓުގައެވެ. ނަމަވެސް މި މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހްތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރު ކޮށްލުމުން ދައުލަތުގެ ފަރާތުން ދެން މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ.
ގައްދޫ ކޯޓުން މިއަދު ދައުވާތައް ބޭރުކޮށްލައިފައިވަނީ ދައުވާކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުން ގައްދޫ ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެއެވެ. މީގެއިތުރުން ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، އެ ހައްޔަރުގައި ބަހައްޓައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ހުކުމުގައި ބުނެފައިވާކަމަށް ބަޔެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
މި މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން އަދި ވަކިއެއްޗެއް ބުނެފައި ނުވާއިރު މިއީ މިފަހުގެ ތާރީހެއްގައިި ރާއްޖެ އިން އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ. މި މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރައެވެ.




