ބޮލީވުޑްގެ މަޝްހޫރު ބަތަލް ވަރުން ދަވަން އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް އާއި މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ކައިވެނި ކުރަން އުޅޭ ކަމަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނެފިއެވެ.
އެގޮތުން އެމީހުންގެ ހަބަރުވެރިންނާއި ހަވައިލާދީ ބައެއް މީޑިއާތަކުން ބުނަނީ ކައިވެނީގެ ހަފުލާތައް ކުރިއަށްދާނީ މި މަހުގެ 22، 23 އަދި 24 ގައި ކަމަށެވެ.
ޕިންކް ވިލާގައި ބުނެފައިވަނީ ވަރުން އޭނާގެ ލޯބިވެރިޔާ ނަތާޝާ އާއި މިމަހު އަލިބާގު ގައި ކައިވެނި ކުރަން އުޅޭކަމަށެވެ. ކައިވެނީގެ ހަފްލާތައް ބޭއްވުމަށް އަލިބާގު އިން ފައިވް ސްޓާ ހޮޓަލެއްވެސް ވަރުން ބުކް ކޮށްފައިވާ ކަމަށް ޕިންކް ވިލާގައި ބުނެފައިވެއެވެ.
ވަރުން އަދި ނަތާޝާގެ ކައިވެނި މިމަހު 24 ގައި އޮންނަ ކަމަށް އަޑުފެތުރެމުން ދާއިރު އެދެމީހުންގެ ކައިވެނި ޕާޓީއަށް ދައުވަތު އެރުވުމަށް ހަމަޖެހިފައިވަނީ 200 މީހުންނަށް ކަމަށްވެސް ޕިންކް ވިލާއިން ވަނީ ބުނެފައެވެ.
މީގެކުރިންވެސް ވަނީ ވަރުން އަދި ނަތާޝާ ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ އަޑުތަކެއް ފެތުރިފައެވެ. ނަމަވެސް ކޮވިޑް 19 ގެ ސަބަބުން އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން އެދެލޯބިވެރިންގެ ކައިވެނި ފަސްކޮށްލީއެވެ.




