އިންތިހާބު އަވަސް ކުރުމަށްޓަކައި ގާނޫނު އިސްލާހުކުރި ނަމަވެސް، އެކަމާ ގުޅިގެން ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހެއް ގެނައުމަށް ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި އެ ބިލު ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. ނިޔާޒު ވަނީ ބިލަށް އިސްލާހް ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައި، އިންތިހާބު ބޭއްވުމަށް ޝަރުއީ ކޯޓުތަކުގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ދިނުމަށް ގޮވާލައްވައިފައެވެ.
މީގެއިތުރުން ނިޔާޒު ވަނީ، އަތޮޅު ތެރޭގައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދުތައް އިތުރުވަމުންދާއިރު، ރަށްރަށަށް ދަތުރުކުރުން ހަރުކަށި ކުރުމަށް އިދިކޮޅުން ގޮވާލަމުންދާއިރު، އަނެއް ކޮޅުން ރަށްރަށަށް ދަތުރުކޮށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭކަމަށް އިދިކޮޅު ތުހުމަތު ކުރާކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ނިޔާޒު މިއަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ، ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެކަމަށްވެސް ބަޔާންކޮށްފައެވެ. ކައުންސިލް އިންތިހާބު އަވަހަށް ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށާފައި މިވަނީ، ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވައިގެންނެވެ.



