ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަންވަނީ ލިބިފައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ރައްޔިތުންނާ މުޚާޠަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮވިޑް-19 ރާއްޖެއިން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން، މިބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ޞިއްޙީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ޤައުމުތަކުން ކުރަން ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ވާނީ ފަށާފައި ކަމަށާއި އެކަން ހާސިލުކުރުމަށްޓަކައި، މިއަދާ ހަމައަށް އައިއިރު، ކުރެވުނު މަސައްކަތުން ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާ ކަމަށެވެ.
"މިއަދާ ހަމައަށް އައިއިރު، ކުރެވުނު މަސައްކަތުން މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް މިވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައި. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަމަލުތައް ބަހައްޓަވައި ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ، ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސަވައިލައްވާ، ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް ތިއްބަވާ، އަދި ގައިދުރުކަން ދެމެހެއްޓުމަށް އިސްކަން ދެއްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރާކަމަށެވެ.




