ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ކުރިނބީ، ޖަވާހިރުމާގެ އަޒާން މުޙައްމަދު ވަޙީދު (8އ) އެހީތެރިވުމުގެ ގޮތުން "ކާބޯތަކެތީގެ މައުރަޒެއް" ބާއްވަން ހަމަޖެހިއްޖެއެވެ.
ކުރިނބީ ހީވާގި ކަނބަލުން އިންނަގައިގެން ކުރިއަށްގެންދާ މި ކާބޯތަކެތީގެ މައުރަޒު އޮންނާނީ މިމަހުގެ 23ވާ ހޮނިހިރު ދުވަހު (މާދަމާ) ހަވީރު 16:15ގައި ކުރިނބީ ބަނދަރު ސަރައްދުގައެވެ.
މިހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ އަޒާންއަށެވެ. އަދި މިހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ މިހަރަކާތް އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެއްކެވެ.
އަޒާންއަށް އެހީވުމުގެ ގޮތުން އިއްޔެވަނީ ކުރިނބީ "ވީނަސް ކެފޭ"ގެ ފަރާތުންވެސް ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ވީނަސް ކެފޭގެ އެދުވަހުގެ ސޭލްސް ވަނީ އަޒާން އަށް ހަދިޔާ ކޮށްފައެވެ.
އަޒާން މުޙައްމަދު ވަޙީދުއަކީ މުޙައްމަދު ވަހީދުއަށާއި، ފަރުޒާ އަބްދުއްރަޙްމާނަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އަޒާން އަކީ އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ބަލިކޮށް އުޅެމުންއައި ކުއްޖެކެވެ. އޭރު ވަރަށް ގިނައިން ޑޮކްޓަރަށްވެސް ދެއްކުނެވެ.
ނަމަވެސް އަޒާންއަށް ވަމުންއަންނަ ގޮތް ސީދާ ޑޮކްޓަރުންނަށް އޭރު އޮތީ ދެނެނުގަނެވިފައެވެ.
އަޒާންގެ ބައްޕަ މުޙައްމަދު ވަޙީދު މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި ކުއްޖާގެ އުމުރުން 6 އަހަރުގައިވެސް ވަނީ ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ގޮސްފައެވެ. އޭގެ އިތުރުން މާލެއަށްވެސް ވަރަށް ގިނައިން ވަނީ ދެވިފައެވެ.
މިއަދާއި ހިސާބަށް އައި އިރުވެސް އަޒާންގެ ބައްޔަށް އެކަށޭނެ ފަރުވާއެއް ވަނީ ނުލިބިފައެވެ.
މިހާރު އުމުރުން 8 އަހަރުގެ އަޒާން އަކީ އުމުރުން 2 އަހަރުން ފެށިގެން ކިޑްނީގެ މައްސަލަތައް ދިމާވެ އެކަމަށް ޤަވާއިދުން ބޭސް ކުރަމުން އަންނަ ކުއްޖެކެވެ. މާލެއަށް ނުވަތަ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގޮސް އަބަދުވެސް އަޒާން ދައްކާ އޭނާގެ ޞިއްޙީ ހާލަތު ދެނެގަނެ ވަމުންދާ ގޮތް ބަލަމުދެއެވެ.
އަޒާންގެ ބައްޕަ ކިޔައިދިން ގޮތުގައި 2018 ވަނަ އަހަރު އަޒާން ވަރަށް ބޮޑަށް ބަލިގެން މާލެއިން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނެފައިވަނީ ކުއްޖާގެ އެއް ކިޑްނީ ފެއިލްވެފައިވާކަމަށެވެ. އަދި ވަގުތުން ބޭރަށް ދިއުމަށް ޑޮކްޓަރު ލަފާދީފައިވާކަމަށެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޒާން ގޮވައިގެން ބޭރަށްގޮސް ޑޮކްޓަރަށް ދެއްކުމުން އެކޮޅުން ބުނެފައިވަނީ އަޒާންގެ ކިޑްނީ ފެއިލް ނުވާކަމަށާއި ނަމަވެސް ކިޑްނީ ހުއްޓިފައިވާކަމަށެވެ. އަދި އަނެއް ކިޑްނީ ކޮންމެވެސް ވަރަކަށް މަސައްކަތް ކުރާކަމަށްވެސް ޑޮކްޓަރު ބުނެފައިވެއެވެ.
އެފަހަރު އަޒާން ގޮވައިގެން ބޭރުގައި 2 މަސްދުވަސް ބޭސްކުރުމަށް ވަނީ މަޑުކޮށްފައެވެ. ބޭސްފަރުވާއަށް އާސަންދަ ލިބުނު ކަމުގައިވީނަމަވެސް އިތުރު ބޮޑެތި ޚަރަދުތަކެއްވެސް ކުރަންޖެހުނު ކަމުގައި އަޒާންގެ ބައްޕަ ބުންޏެވެ. އެފަހަރު ރަށުގެ ރައްޔިތުންގެ ފަރާތުންނާއި ހެޔޮއެދޭ ފަރާތްތަކުން ވަރަށް ބޮޑެތި އެހީތެރިކަން ލިބުނު ކަމުގައި އަޒާންގެ ބައްޕަ ފާހަގަ ކުރިއެވެ.
ބޭރުގައި 2 މަސްދުވަހު ކުރި ފަރުވާއިން އަޒާންގެ ދެ ކިޑްނީން %40 މަސައްކަތް ވަނީ ކޮށްފައެވެ. އަދި އެނބުރި ރާއްޖެ އައިކަމުގައި ވީނަމަވެސް ކޮންމެ މަހަކު އެއްފަހަރު ބަރާބަރަށް މާލެ ގޮސް ޑޮކްޓަރަށް ދައްކަމުންދާކަމަށާއި 6 މަސްފަހުން އަނެއްކާވެސް ރާއްޖެއިން ބޭރަށް ގޮސް އަޒާން ޑޮކްޓަރަށް ދައްކާފައިވާކަމުގައިވެސް ބުނެފައިވެއެވެ. އެގޮތުން ކުރެވުނު މަސައްކަތުން އަޒާންގެ ދެ ކިޑްނީވެސް %50 މަސައްކަތް ކުރާކަމުގައި އަޒާންގެ ބައްޕަ ބުންޏެވެ.
އޭގެ ފަހުން ކޮވިޑް-19 އާއި ދިމާވުމުން ފަހުން އަޒާން ގޮވައިގެން ބޭސްފަރުވާއަށް ބެރަށް ދެވޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް އަޒާންގެ ހާލު ދައްވަމުން ދާތީ މިހާރު ހުރީ ޑޮކްޓަރަށް ދައްކަން މާލެގޮހެވެ. މާލެއިން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނެފައިވާނީ އަޒާންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ވަގުތުން ބޭރަށް ދިއުމަށެވެ.
އެހެން ކަމުން އެދެމަފިރިން އަންނަނީ އެމީހުންގެ ހަމައެކަނި ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ބޭރަށް ދިއުމުގެ މަސައްކަތް ކުރަމުންނެވެ. އަޒާންއަށް ކިޑްނީ ދިނުމަށް މަންމަ އާއި ބައްޕަ ހުރީ ތައްޔާރަށެވެ. އަޒާންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް މި ކުރެވޭ މަސައްކަތުގައި ކޮންމެ ބޭފުޅެއްގެވެސް ދީލަތި އެހީތެރިކަން އެދެމަފިރިންނަށް ވަނީ ބޭނުންވެފައެވެ.
އަޒާންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:
- ބީއެމްއެލް އެކައުންޓް ނަންބަރު: 7730000036586
- އެކައުންޓްގެ ނަން: Mohammed Waheed
- ގުޅޭނެ ފޯނު ނަންބަރު: 9705056 (މުޙައްމަދު ވަހީދު / އަޒާންގެ ބައްޕަ)
މާތް ﷲ އަޒާންއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވާ، މިދަތި އުނދަގޫ ޙާލަތުން އަވަސް މުސްތަޤުބަލެއްގައި ސަލާމަތް ކުރައްވާށި. އާމީން!




