އަދާލަތު ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސް ކަމަށް ހޯމް މިނިސްޓަ ޝެއިހް އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ކުރިމަތިލައްވައިފިއެވެ.
އެ ޕާޓީއިން މިރޭކުރި އިއުލާނެއްގައި ބުނެފައިވަނީ، ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 413 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ރައީސްކަމަށް ދެބޭފުޅަކު އަދި ނައިބު ރައީސް ކަމަށް ދެބޭފުޅަކު ކުރިމަތިލައްވައިފައިވާ ކަމަށެވެ.
30 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު 21 ޖަނަވަރީ 2021 ވީ ބުރާސްފަތި ދުވަހުގެ 16:00 އަށް ހަމަވިއިރު މި މަޤާމްތަކަށް އެދި ހުށައަޅާފައިވާ ފަރާތްތަކަކީ؛
އަދާލަތު ޕާޓީގެ ރައީސް ކަމަށް: ޑރ. އަޙްމަދު ޒާހިރު ޢަލީ
އަދާލަތު ޕާޓީގެ ނައިބު ރައީސް ކަމަށް: އަޙްމަދު ނަޝީދު (ރަނިންގމޭޓް)
އަދާލަތު ޕާޓީގެ ރައީސް ކަމަށް: އިމްރާން އަބްދުﷲ
އަދާލަތު ޕާޓީގެ ނައިބު ރައީސް ކަމަށް: އަޙްމަދު ޝަރީފް (ރަނިންގމޭޓް)
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ ކޮންމެ މެންބަރަކަށެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.
ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެއްލެވުމަށް ނުވަތަ ޝަކުވާ ހުށަހެޅުއްވުމަށް ބޭނު ފަރާތްތަކުން 21 ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން vote.adhaalath.org.mv ޒިޔާރަތްކުރައްވާ، ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބައްލަވައި އަދި ޝަކުވާއެއް ވާނަމަ އޮންލައިންކޮށް ހުށަހެޅުއްވުން އަދާލަތު ޕާޓީއިން އެދިލައްވައެވެ.



