މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫ ޕޮލިސް ސްޓޭޝަންއާއި، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ އިތުރުން ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ވިދާޅުވީ، މި ދެމީހުންގެ ތެރެއިން 31 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މާލޭން ކާށިދުއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. މި މަހުގެ 21 ވަނަ ދުވަހު ކާށިދޫ ބަނދަރު މަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
52 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މާލޭން ފުރައިގެން ރަސްގެތީމަށް ދަތުރު ކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 21 ވަނަ ދުވަހު ރަސްގެތީމު ބަނދަރުމަތިންނެވެ. މި އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމުގައި ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭން ތުޅާދުއަށް ދަތުރުކުރަމުންދާ ދޯންޏަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 87 ސެލޯފިންކޮޅު ފެނިފައިވާކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ދެ މީހުންނަށްވެސް މުއްދަތު ދީފައިވެއެވެ. މިގޮތުން 31 އަހަރުގެ މީހާއަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވާއިރު 52 އަހަރުގެ މީހާއަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ދީފައެވެ.
މި ތިން މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.



