ގއ. ދެއްވަދޫއިން ޕޮޒިޓިވްވި މީހާގެ ކްލަސްޓާއި ގުޅުންހުރި 83 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފިޤު ވިދާޅުވީ، މި ކްލަސްޓާއި ގުޅިގެން އިއްޔެ އާއި ހަމައަށް އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މުޅި މި ކްލަސްޓާއިން ޖުމްލަ 83 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ.
އެޗްއީއޯސީން ބުނީ އެ ކްލަސްޓާއާ ގުޅުންހުރި 83 މީހުންގެ ތެރެއިން 73 މީހުން ޕޮޒިޓިވްވީ ދެއްވަދޫއިން ކަމަށެވެ. އެ ކްލަސްޓާއާ ގުޅުންހުރި ހަތް މީހަކު ދާންދޫން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ލ. ފޮނަދޫއިން ހަތަރު މީހުން، ހުޅުމާލެ އިން ދެ މީހުން އަދި ގއ. ވިލިގިލިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ދެއްވަދޫއިން މީހަކު ޕޮޒިޓިވްވެފައިވަނީ، މި މަހުގެ 22 ވަނަ ދުވަހުއެވެ.
އެ ކްލަސްޓާއާ ގުޅުންހުރި 255 މީހަކު ފާހަގަކުރެވިފައިވާއިރު އޭގެ ތެރޭގައި 101 މީހަކީ ހައިރިސްކު މީހުންނެވެ. މި ކްލަސްޓާއާ ގުޅިގެން 750 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.




