މާލެ ސަރަހައްދަށް ކާފިއު އިއުލާންކޮށް، ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ މެންދަމު ނެރުއްވި އެންގުމުގައި ވިދާޅުވެފައިވަނީ، މިރޭ (27 ޖަނަވަރީ 2021) ދަންވަރު 12:00 އިން ފެށިގެން ފަތިހު 04:00 އަށް، މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިވާ ކަމަށެވެ.
"މިހިނދުން ފެށިގެން މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލަން" އަންގާކަމަށް އެޗްޕީއޭގެ އެންގުމުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިރެއިން ފެށިގެން މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ރާއްޖޭގެ އެހެނިހެން ރަށްތަކަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުމަށާއި، މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހަށް ކަރަންޓީނުކުރުމަށްވެސް މައިމޫނާ ވަނީ އަންގަވާފައެވެ.
މާލެއިން ކޮވިޑް-19 ފެނުމާއެކު 2020 އެޕްރީލް 15 ވަނަ ދުވަހުން ފެށިގެން، ނިމިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް މާލޭގައި އެކިވަގުތުތަކުގައި ކާފިއު ހިންގާފައިވާއިރު، ކާފިއު އުވާލާފައިވަނީ ކޮވިޑް ފެތުރޭ މިންވަރު މަދުވުމުންނެވެ. ނަމަވެސް އަލުން ކާފިއު އިއުލާންކޮށްފައި މިވަނީ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން މަތީގައި ހިފެހެއްޓުމާއި އެކުގައެވެ.
އަލުން ކާފިއު އިއުލާންކުރުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެކަމާމެދު ވަނީ އަނެއްކާވެސް ސުވާލު އުފެދިފައެވެ. ކައުންސިލް އިންތިޚާބު އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމެވީ އިއްޔެއެވެ.



