ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރް އާއި އޭނަގެ ކުޑައިރުގެ ރަހްމަތްތެރިޔާ ރޯހަން ޝްރެސްތާއާއި ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ މީޑީއާގައި ޙަބަރުފެތުރިފައި ވަނިކޮށް، އެ ދެމީހުންގެ ލޯބީގެ ގުޅުމެއް އޮންނަ ކަމެއް ނޭނގޭ ކަމަށް ޝްރައްދާގެ ބައްޕަ ޝަކްތީ ކަޕޫރު ހާމަކޮށްފިއެވެ.
ޝްރައްދާ، ރޯހަން އާއި ކައިވެނިކުރަން އުޅެނީކަމަށް ބުނެ ޙަބަރު ފެތުރިފައިވަނީ، ދާފިފަހަކުން ކައިވެނި ކުރި ވަރުން ދާވަންއަށް ތަހުނިޔާ ކިޔުމަށް ރޯހަން ފޮނުވި މެސެޖުގައި ރައްދުގައި، ރޯހަންވެސް ކައިވެނި ކުރުމަށް ރެޑީގައި ހުރިކަމަށް އުންމީދުކުރާ ކަމަށް ދޭހަވާފަދަ ގޮތަކަށް ބުނުމުގެ ސަބަބުންނެވެ.
ރޯހަން އަކީ ސެލެބްރިޓީންގެ ފޯޓާ ނަގާ ފޮޓޯގްރާފަރެކެވެ. އަދި ރޯހަން އާއި ޝްރައްދާގެ ރަހްމަތްތެރިކަން އޮންނަ އިރު ދެމީހުން ޑޭޓް ކުރާ ކަމަށް ޙަބަރު ފެތުރިފައިވެއެވެ. ނަމަވެސް މިކަން މިއިން އެކަކުވެސް ޔަޤީންކޮށްދީފައެއް ނުވެއެވެ.
ޝްރައްދާ އާއި ރޯހަން ކައިވެނި ކުރަނީ ކަމަށް ބުނެ ޙަބަރު ފެތުރިފައި ވަނިކޮށް، އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޝަރައްދާގެ ބައްޕަ ޝަކްތީ ބުނީ، ޝަރައްދާގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ކަންމެ މީހަކު ކަނޑައެޅިއަސް އޭނަގެ ފަރުވާލެއް ނެތް ކަމަށެވެ. ނަމަވެސް ޝްރައްދާ އާއި ރޯހަންގެ އެކަހަލަ ގުޅުމެއް އޮންނަ ކަމަށް އޭނާ އަށް ނޭނގޭ ކަމަށް ބުންޏެވެ. އަދި ދެމީހުން އެކަހަލަ ކަމެއްގައި ސީރިއަސް ވާނެ ކަމާމެދުވެސް ޝްކްތީ ސުވާލު އުފައްދާފައިވެއެވެ.
ޝަރައްދާ އާއި ރޯހަން ގެ ދެ އާއިލާއަކީ ދުވަސްވީ އާއިލީ ރަހްމަތްތެރިންނެވެ. ޝަކްތީ ބުނީ، ރޯހަން އަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށާއި، އަދި އޭނަގެ ގެއަށް ކުޑައިރުއްސުރެ ރޯހަން އަންނަ ކަމަށެވެ. އަދި ޝްރައްދާ ރޯހަން އާއި ކައިވެނި ކުރަން ބޭނުންވާކަން އޭނާ ގާތު ނުބުނާކަމަށް ޝަކްތީ ބުންޏެވެ.
ޝްރައްދާ އާއި ރޯހަންގެ ގުޅުމުގެ ވާހަކަ މީގެ ކުރިންވެސް ދެކެވިފައިވީނަމަވެސް، އެކަން އޭނާ ވަނީ ދޮގުކޮށްފައެވެ. އެގޮތުން ޝްރައްދާ ބުނީ މިވަގުތު އޭނަގެ މަސައްކަތުގައި ބިޒީ ވުމުގެ ސަބަބުން އިތުރު ކަމަކަށް ވިސްނުމަށް ވަގުތު ނުވާ ކަމަށެވެ.
ޝްރައްދާ މިވަގުތު ހުރީ ރަންބީރު ކަޕުރާއެކު ފެނިގެންދާ ފިލްމް "ލަވް ރާންޖާން" ގެ ޝޫޓިންއަށް ދެއްލީ އަށް ގޮހެވެ.



