މަޖިލީހުގެ ކުތުބުހާނާ އާއި ޑިޖިޓަލް އަރުޝީފު ހުޅުވައިފި

ގިނަ އަދަދެއްގެ ގޮތްތަކާއި ލިޔުންތަކުގެ އިތުރުން ފައިލްތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާ އާއި ޑިޖިޓަލް އަރުޝީފު ހުޅުވައިފިއެވެ.

މި ކުތުބުހާނާ ރަސްމީކޮށް ހުޅުވައިދެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމީ ޖަލްސާއަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފު ޤާއިމުކޮށްފައި ވަނީ މަޖިލިސްކުރާ ގޭގެ ދެކުނު ފަރާތުގައި އަލަށް ޢިމާރާތްކޮށްފައިވާ 13 ފަންގިފިލާގެ އިދާރީ ޢިމާރާތުގައެވެ. ކުތުބުޚާނާއާއި އަރުޝީފު ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ތަންތަން ހުޅުވުނު ތާރީޚް ލިޔެފައިވާ ލިޔުންކޮޅު ހިމެނޭ ޚާއްޞަ ސްޓޭންޑް ވެސް އިފުތިތާޙްކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ.

މަޖިލީހުގެ ކުތުބުހާނާ އާއި އަރުޝީފުގެ ތަފާސް ހިސާބުތައް މިއަދުގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެރުވިއިރު، ރައީސް ޞޯލިޙް ވަނީ ކުތުބުހާނާއަށް ވަޑައިގެން ބައްލަވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާގައި6688 ލިޔުމާއި،2214 ފައިލް އަދި2133 ފޮތް ހުރިއިރު،10000 އަށްވުރެ ގިނަ ފޮޓޯއާއި1500 އަށްވުރެ ގިނަ ވީޑިއޯ ހުންނާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.

މި ދެ ތަނުގެ ބޭނުމަކީ، ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާއާ ގުޅުންހުރި ދުވަސްވީ ލިޔެކިޔުންތަކާއި، އޯޑިއޯ، ފޮޓޯ އަދި ވީޑިއޯ ރައްކާތެރިކޮށް ބެލެހެއްޓުމާއި އަދި އެ ތަކެތި ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ