ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ހދ.ކުރިނބީ ޖަވާހިރުމާގެ އަޒާން މުޙައްމަދު ވަހީދު އަށް އެހީގެ ގޮތުގައި ކުރިނބީ ރައްޔިތުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
މުޙައްމަދު ވަހީދުއަށާއި ފަރުޒާ އަބްދުއްރަޙްމާނަށް ލިބުނު ހަމައެކަނި ދަރިފުޅު, އުމުރުން އެންމެ 8 އަހަރުގެ އަޒާން މުޙައްމަދު ވަޙީދުއަކީ އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ބަލިކޮށް އުޅެމުންއައި ކުއްޖެކެވެ. އުމުރުން 2 އަހަރުން ފެށިގެން ކިޑްނީގެ މައްސަލަތައް ދިމާވެ އެކަމަށް ޤަވާއިދުން ބޭސް ކުރަމުން އަންނަ ކުއްޖެކެވެ. އެހެން ކަމުން މާލެއަށް ނުވަތަ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގޮސް އަބަދުވެސް އަޒާން ދައްކާ އޭނާގެ ޞިއްޙީ ހާލަތު ދެނެގަނެ ވަމުންދާ ގޮތް ބަލަމުންދެއެވެ. އަދި އޭރުއްސުރެންވެސް އަޒާންގެ ޢާއިލާއިން އަޒާންގެ ބައްޔަށް ފަރުވާއެއް ލިބޭތޯ ވަނީ ޑޮކްޓަރަށް ވަރަށް ގިނައިން ދައްކާފައެވެ.
އަޒާންގެ ބައްޕަ މުޙައްމަދު ވަޙީދު މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި ކުއްޖާގެ އުމުރުން 6 އަހަރުގައިވެސް ވަނީ ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ގޮސްފައެވެ. އޭގެ އިތުރުން މާލެއަށްވެސް ވަރަށް ގިނައިން ވަނީ ދެވިފައެވެ.
މިއަދާއި ހިސާބަށް އައި އިރުވެސް އަޒާންގެ ބައްޔަށް އެކަށޭނެ ފަރުވާއެއް ވަނީ ނުލިބިފައެވެ.
މިހާރު އުމުރުން 8 އަހަރުގެ އަޒާން އަކީ އުމުރުން 2 އަހަރުން ފެށިގެން ކިޑްނީގެ މައްސަލަތައް ދިމާވެ އެކަމަށް ޤަވާއިދުން ބޭސް ކުރަމުން އަންނަ ކުއްޖެކެވެ. މާލެއަށް ނުވަތަ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގޮސް އަބަދުވެސް އަޒާން ދައްކާ އޭނާގެ ޞިއްޙީ ހާލަތު ދެނެގަނެ ވަމުންދާ ގޮތް ބަލަމުދެއެވެ.
އަޒާންގެ ބައްޕަ ކިޔައިދިން ގޮތުގައި 2018 ވަނަ އަހަރު އަޒާން ވަރަށް ބޮޑަށް ބަލިގެން މާލެއިން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނެފައިވަނީ ކުއްޖާގެ އެއް ކިޑްނީ ފެއިލްވެފައިވާކަމަށެވެ. އަދި ވަގުތުން ބޭރަށް ދިއުމަށް ޑޮކްޓަރު ލަފާދީފައިވާކަމަށެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޒާން ގޮވައިގެން ބޭރަށްގޮސް ޑޮކްޓަރަށް ދެއްކުމުން އެކޮޅުން ބުނެފައިވަނީ އަޒާންގެ ކިޑްނީ ފެއިލް ނުވާކަމަށާއި ނަމަވެސް ކިޑްނީ ހުއްޓިފައިވާކަމަށެވެ. އަދި އަނެއް ކިޑްނީ ކޮންމެވެސް ވަރަކަށް މަސައްކަތް ކުރާކަމަށްވެސް ޑޮކްޓަރު ބުނެފައިވެއެވެ.
އެފަހަރު އަޒާން ގޮވައިގެން ބޭރުގައި 2 މަސްދުވަސް ބޭސްކުރުމަށް ވަނީ މަޑުކޮށްފައެވެ. ބޭސްފަރުވާއަށް އާސަންދަ ލިބުނު ކަމުގައިވީނަމަވެސް އިތުރު ބޮޑެތި ޚަރަދުތަކެއްވެސް ކުރަންޖެހުނު ކަމުގައި އަޒާންގެ ބައްޕަ ބުންޏެވެ. އެފަހަރު ރަށުގެ ރައްޔިތުންގެ ފަރާތުންނާއި ހެޔޮއެދޭ ފަރާތްތަކުން ވަރަށް ބޮޑެތި އެހީތެރިކަން ލިބުނު ކަމުގައި އަޒާންގެ ބައްޕަ ފާހަގަ ކުރިއެވެ.
ބޭރުގައި 2 މަސްދުވަހު ކުރި ފަރުވާއިން އަޒާންގެ ދެ ކިޑްނީން %40 މަސައްކަތް ވަނީ ކޮށްފައެވެ. އަދި އެނބުރި ރާއްޖެ އައިކަމުގައި ވީނަމަވެސް ކޮންމެ މަހަކު އެއްފަހަރު ބަރާބަރަށް މާލެ ގޮސް ޑޮކްޓަރަށް ދައްކަމުންދާކަމަށާއި 6 މަސްފަހުން އަނެއްކާވެސް ރާއްޖެއިން ބޭރަށް ގޮސް އަޒާން ޑޮކްޓަރަށް ދައްކާފައިވާކަމުގައިވެސް ބުނެފައިވެއެވެ. އެގޮތުން ކުރެވުނު މަސައްކަތުން އަޒާންގެ ދެ ކިޑްނީވެސް %50 މަސައްކަތް ކުރާކަމުގައި އަޒާންގެ ބައްޕަ ބުންޏެވެ.
އޭގެ ފަހުން ކޮވިޑް-19 އާއި ދިމާވުމުން ފަހުން އަޒާން ގޮވައިގެން ބޭސްފަރުވާއަށް ބެރަށް ދެވޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް އަޒާންގެ ހާލު ދައްވަމުން ދާތީ މިހާރު ހުރީ ޑޮކްޓަރަށް ދައްކަން މާލެގޮހެވެ. މާލެއިން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނެފައިވާނީ އަޒާންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ވަގުތުން ބޭރަށް ދިއުމަށެވެ.
އެހެން ކަމުން އެދެމަފިރިން އަންނަނީ އެމީހުންގެ ހަމައެކަނި ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ބޭރަށް ދިއުމުގެ މަސައްކަތް ކުރަމުންނެވެ. އަޒާންއަށް ކިޑްނީ ދިނުމަށް މަންމަ އާއި ބައްޕަ ހުރީ ތައްޔާރަށެވެ. އަދި އެކަމުގެ ޓެސްޓްތައް މިހާރު ދަނީ ހަދަމުންނެވެ.
އަޒާންގެ ކިޑްނީ ބަދަލުކުރުމަށް އެހީތެރިކަން ބޭނުންވެއްޖެކަން ކުރިނބީ ރައްޔިތުންނަށް އެނގުނު ހިނދުން ފެށިގެން ކުރިނބީ ރައްޔިތުން ވަނީ އަޒާންއަށް އެހީވުމަށް ފަންޑްރައިޒިން އިވެންޓް ތަކެއް ހިނގަން ފަށައިފައެވެ.
މިގޮތުން އެންމެ ފުރަމަ މިކަމަށް އިސްނެގީ ކުރިނބީ ވީނަސް ކެފޭ އިންނެވެ. މިގޮތުން ވީނަސް ކެފޭ އިންވަނީ އެ ކެފޭގެ އެއްދުވަހުގެ ސޭލްސް އަޒާން އަށް ހަދިޔާ ކޮށްފައެވެ. މިހަރަކާތަށްފަހު ކުރިނބީ އަންހެން ކަނބަލުންވަނީ ހެދިކާ ހަދައި ރައްޔިތުންނަށް ވިއްކައި އޭގެން ލިބުނު ފައިސާ އަޒާން އަށް އެހީވުމަށްޓަކައި ދީފައެވެ. މިވަރަކުން ކުރިނބީ ރައްޔިތުން ހުއްޓައެއް ނުލިއެވެ. ކުރިނބީ ޔޫތް މޫވްމަންޓް އިން އިސްނަގައިގެން “ނެއްތަ މަސައްކަތެއް؟” ނަމުގައިވަނީ މަސައްކަތު ދުވަހެއް ފާހަގަ ކޮށްފައެވެ. މިމަސައްކަތް ދުވަހުން ލިބުނު ފައިސާވެސް ވަނީ އަޒާން އަށް ހަދިޔާކޮއްފައެވެ. އަދި ކުރިނބީ ސްކޫލުންވެސްވަނީ އެސުކޫލުގެ ކޮންމެ މުވައްޒަފެއްގެ އެއްދުވަހުގެ މުސާރަ އަޒާން އަށް އެހީވުމަށްޓަކައި ހަދިޔާކޮއްފައެވެ.
އަޒާން އަށް އެހީވުމުގެ ގޮތުން ހިނގުނު ހަރަކާތްތަކުން ލިބުނު ފައިސާގެ ތަފްސީލް:
- ވީނަސް ކެފޭގެ ފަރާތުން 7،000 ރުފިޔާ
- ކަނބަލުންގެ ކާބޯތަކެތީގެ މައުރަޒުން 16،265 ރުފިޔާ
- ކުރިނބީ ޔޫތް މޫވްމަންޓް ޖަމިއްޔާގެ ނެތްތަ މަސައްކަތެއް އިވެންޓުން 32،950 ރުފިޔާ
- ސްކޫލްގެ މުވައްޒަފުންގެ ފަރާތުން 8،765 ރުފިޔާ
އަޒާންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:
ބީއެމްއެލް އެކައުންޓް ނަންބަރު: 7730000036586
އެކައުންޓްގެ ނަން: Mohammed Waheed
އިތުރު މަޢޫލޫމާތު: 9705056 މުޙައްމަދު ވަހީދު / އަޒާންގެ ބައްޕަ
މާތް ﷲ އަޒާންއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވާ، މި ދަތި އުނދަގޫ ޙާލަތުން އަވަސް މުސްތަޤުބަލެއްގައި ސަލާމަތް ކުރައްވާށި. އާމީން!



