ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އަންހެން ނެށުން ތެރިޔަކީ ނޯރާ ފަތޭހީއެވެ. ނޯރާ އާއްމުންގެ މެދުގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ އެކްޓަރ ޖޯން އަބްރަހަމްގެ ފިލްމް "ސަތްޔަމެވަ ޖަޔަތޭ" ގައި ފެނިގެންދިޔަ ކުރީގެ ލަވަ "ދިލްބަރް ދިލްބަރް" އިން އޭނާ ދައްކާލި މޮޅު ނެށުމުގެ ފަރި ހަރަކާތްތަކުންނެވެ.
މި ފިލްމްގެ ދެވަނަ ބައެއް ގެނެސްދިނުމުގެ މަސައްކަތް މިހާރު ފަށައިފައިވާއިރު، މި ފިލްމުގައިވެސް ނޯރާ ގެ ވަރަށް ހާއްސަ ލަވައެއް ފެންނާނެކަމަށް ފިލްމްގެ ޓީމުން މިވަނީ ހާމަކޮށްފައެވެ.
ނޯރާގެ ހިޓް ލަވަތައް ކަމުގައިވާ "އޯ ސާކީ ސާކޯ" އާއި "އެކް ތޯ ކަމް ޒިންދްގާނީ" އަށް ކޮރެއަގްރަފްކަން ކޮށްދީފައިވާ އަދިލް ޝެއިކް އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ، މި ފިލްމުން ނޯރާގެ ނަށުމުގެ ފަރި ހަރަކާތުން އެންމެން މިފަހަރު ސްޕްރައިޒްކޮށްލާނެކަމަށެވެ.
"ސަތްޔަމެވަ ޖަޔަތޭ 2" ގައި ފުރަތަމަ ބަޔަށްވުރެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ޖޯން އަބްރަހަމްގެ ފަރާތުން ފެނިގެންދާނެއިރު، ނޯރާގެ މި ލަވަވެސް ވަރަށް ވަރުގަދަ ވާނެކަމަށް ކޮރެއަގްރެފަރ އަދިލް ބުނެފައިވެއެވެ.
އަދިލް ބުނީ، މި ލަވައަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ޝޫޓިންގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ.
"ސަތްޔަމެވަ ޖަޔަތޭ 2"ގައި ޖޯން އާއެކު އަންހެން ލީޑުން ފެނިގެންދާނީ އެކްޓްރެސް ދިވްޔާ ކޯސްލާ ކުމާރްއެވެ.
މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި 14 ގައެވެ.



