ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާކަމަށް ބުނެ ފަތުރަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ހޯމް މިނިސްޓުރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ ހަފްސީ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހަފްސީ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިނިސްޓަރ އިމްރާން ކޮވިޑް-19 އަށް ފައްސިވި ކަމަށް ފަތުރަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ. ނަމަވެސް، މިނިސްޓަރުގެ އާއިލާ މެންބަރަކު ޑައިރެކްޓް ކޮންޓެކްޓަކަށް ވެފައިވާ ކަމަށެވެ.
"މިނިސްޓަރ އިމްރާން ކޮވިޑް-19 އަށް ފައްސިވި ކަމަށް ފަތުރަނީ ހަގީގަތާއި ހިލާފު ވާހަކައެއް. މިނިސްޓަރުގެ އާއިލާ މެންބަރަކު ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެން ދިރިއުޅުއްވާ ގެކޮޅު 03/02/2021 އިން ފެށިގެންވަނީ މޮނިޓަރިން ހާލަތަށް ގެނެވިފަ" ހަފްސީގެ ޓުވީޓުގައި ބުނެފައި ވެއެވެ.
ހަފްސީ އިތުރަށް ވިދާޅުވީ މި މުއްދަތުގައި އޮފީސް މަސައްކަތް ކުރައްވާނީ ގޭގައި ހުއްނަވައިގެން ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށައިފައިވާއިރު މިނިސްޓަރ އިމްރާންވެސްވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފައިކަން ފާހަގަ ކޮށްލެވެއެވެ.




