ހުއްދަ ނުނަގާ ޖާބިރު މަތިވެރިއަށް ދިއުމުން ޖޫރިމަނާ ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެޗްޕީއޭގެ ހުއްދައާ ނުލައި އއ. މަތިވެރިއަށް ދިއުމުން ޖޫރިމަނާ ކޮށްފިއެވެ.

ބަލިމަޑުކަމުގެ ސަބަބުން މާލެއިން ރަށްރަށަށް ދަތުރު ކުރުމަށް ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް އއ. މަތިވެރިއަށް ދިޔަ 11 މީހަކު މިއަދު ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުންވެސްވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި މި 11 މީހުންގެ ތެރޭގައި ޖާބިރުވެސް ހިމެނެއެވެ. އެ މީހުން އެރަށަށް ދިޔަ ފަހުން މިހާރު ދެތިން ހަތަރު ދުވަސް ވެދާނެކަމަށްވެސް މަޢުލޫމާތު ލިބިއެވެ.

ޖޫރިމަނާ ކުރުމުގެ އިތުރުން ހުއްދަ ނުނަގާ ހުންނެވުމުން މަތިވެރިން ފޭބުމަށް އެ ރަށުގެ ޓާސްކްފޯހުން ޖާބިރަށް ވަނީ އަންގާފައެވެ.

އަދި މިއީ ހުއްދަ ނުނަގާ ޖާބިރު އެރަށް ދިޔަ ފުރަތަމަ ފަހަރު ނޫންކަމަށާއި، ރައްޔިތުންގެ ޝަކުވާ ބޮޑުވެ، މިމައްސަލާގައި ފިޔަވަޅު އަޅަން ނިންމީކަމަށްވެސް މަތިވެރި ޓާސްކްފޯހުގެ އޮފިޝަލަކުވަނީ ވިދާޅުވެފައެވެ.

ކޮވިޑްގެ ހާލަތުގެ ސަބަބުން ރަށްރަށަށް ދަތުރު ކުރާ ފަރާތްތަކުން ކުރިން 14 ދުވަހަށް ކަރަންޓީން ވާގޮތަށް އޮތް ނަމަވެސް ފަހުން އެ މުއްދަތު ވަނީ 10 ދުވަހަށް މަދުކޮށްފައެވެ. އެގޮތުން ރަށްރަށަށް ދާ ފަރާތްތައް ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް އެޗްއީއޯސީ އާއި ކައުންސިލްގެ ހުއްދަ ނަގަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ