އާސަހަރާގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާ ވާހަކަ މާލޭ ސިޓީ ކައުންސިލުން ދޮގުކޮށްފިއެވެ.
އެކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ޗެނަލް 13 އިން 18 ފެބުރުއަރީ 2021 ވަނަ ދުވަހު މާލޭގެ އާސަހަރާގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ފަރާތުން އެ ސަހަރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރަމުންދާ ކަމަށް ބުނެ ނެރެފައިވާ ރިޕޯޓަކީ ކަމުގެ ހަޤީގަތްނުބަލާ ނޫސްވެރިކަމުގެ މިންގަޑާ ޚިލާފަށް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލް ބަދުނާމުވާގޮތަށް އެއްވެސް އަސާސެއްނެތް ޚިޔާލީ ވާހަކަތަކެއްގެ މައްޗަށް ނެރެފައިވާ ދޮގު ރިޕޯޓެއްކަމަށެވެ.
"ޗެނެލް 13 އިން މާލޭ ސިޓީގެ ކައުންސިލަރުންނާއި ރައްޔިތުން ޖެހޭގޮތަށް އަދި މާލޭ ސިޓީ ކައުންސިލް ބަދުނާމުވާގޮތަށް ހަޤީގަތާ ޚިލާފު ވާހަކަތަކެއް ހިމަނައި ދޮގު ރިޕޯޓެއް ނެރެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކުރަމުންދާ މިފަދަ ނޭއްގާނީ މަސައްކަތް ކުރުމަށް ޗެނެލް 13 އިން ނެރެފައިވާ ރިޕޯޓަކީ މިކައުންސިލުން ނުހަނު ކަންބޮޑުވެ ހިތާމަކުރާކަމެއް" ކައުންސިލްގެ ބަޔާނުގައި ވެއެވެ.
އަދި ޗެނެލް 13 ގެ މިއަމަލު މާލޭ ސިޓީ ކައުންސިލުންވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މީގެއިތުރުން މިބަޔާނުގައި ބުނެފައިވަނީ، މާލޭ ސިޓީގެ ރައްޔިތުން އިންތިޚާބުކޮށް ޒިންމާތަކެއް މަތިކޮށްފައިވާ ބަޔަކު ކުރާ މަސައްކަތަކާބެހޭގޮތުން އެއްވެސް ފަރާތަކުން މައުލޫމާތެއް ހާމަކުރާނަމަ ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަންދޫބުންގެ ބަސް ހޯދަންޖެހޭ އިރު މިފަދަ އެއްވެސް ބަހެއް ނުހޯދައި މަކަރުވެރި ގޮތެއްގައި ދޮގު މައުލޫމާތުތަކެއް ފެތުރުމަކީ ޗެނެލް 13 އިން އެއްވެސް ޒިންމާދާރުކަމެއް ނެތި ކޮށްފައިވާ ވަރަށް މުޑުދާރު ވިއާނުދާ އަމަލެއްކަމުގައި ދެކޭކަމަށާއި، ކޮވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ފެތުރެމުންދާ މި ދަނޑިވަޅުގައި މާލޭ ސިޓީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެން ކަންކަން ކުރަމުންދާ މާލޭ ސިޓީ ކައުންސިލްގެ ޖަމާއަތްތެރިންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން، އަދި މާލޭ ސިޓީގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ޗެނެލް 13 އިން ކުރަމުންދާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
އަދި ރައްޔިތުންނާއި ގުޅުންހުރި މިފަދަ ޚައްޞާސް ކަންތަތަކާބެހޭގޮތުން ހަޤީޤަތާޚިލާފު މައުލޫމާތު ފަތުރައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި މުއްސަސާތަކަށް މާލޭ ސިޓީ ކައުންސިލުންވަނީ ގޮވާލާފައެވެ.





ހިޔާލު
Balathikaunsiga hurigamaaru shifaage mahsalaennun balanvee male siteege bajetu fenkolhakaa nulaadhiru vaalimeehennu thaa kihaabodu ba**aeh.