ދެ އަހަރު ފަހުން ޝާހްރުކް ހާން ބޮޑު ސްކްރީނަށް އެނބުރި އަންނަން ތާވަލްކޮށްފައި އޮތް ފިލްމް، "ޕަތަން" މިއަހަރުވެސް ރިލީޒް ނުވާނެކަމަށް ރިޕޯޓުކޮށްފިއެވެ.
އިންޑީއާގެ ފިލްމް ކްރިޓިކް އަދި ޓްރޭޑް އެނެލިސްޓް ތަރަން އަދާޝް ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ފިލްމް "ޕަތަން" 2021 ވަނަ އަހަރު ރިލީޒްނުވާނެކަމަށެވެ. އަދި ފިލްމް ރިލީޒްކުރާނީ 2022 ވަނަ އަހަރު ކަމަށް ހާމަކުރިއެވެ.
ސިދާތް އާނަންދު ޑައިރެކްޓްކުރާ ފިލްމަކީ އެކްޝަން ތްރިލާ ފިލްމެކެވެ.. މި ފިލްމްގައި ޝާހްރުކް ޙާން އާއެކު ފެނިގެންދާނީ، ދީޕިކާ ޕަޑުކޯން އާއި ޖޯން އަބްރަހަމްއެވެ.
މިއީ ޝާހްރުކް އާއި ދީޕިކާ ހަތް އަހަރު ފަހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމްވެސްމެއެވެ. މި ދެތަރިން އެންމެ ފަހުން ފެނިގެންގޮސްފައިވަނީ 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ހެޕީ ނިއު އިޔާ" އަށް ފަހުއެވެ.
ޝާހްރުކް ޙާން އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ، "ޒީރޯ" އެވެ. މި ފިލްމް ބޮކްސް އޮފީހުގައި ވަނީ ނާކާމިޔާބުވެފައެވެ.



