ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) ގެ 32 ވަނަ މާއްދާ އާއި 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތްދިނުމާބެހޭ އާ ގަވާއިދެއް އެކުލަވާލެވި ދިވެހި ސަރުކާރުގެ ގެޒެޓް ޝާއިޢުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މި އެކުލަވާލެވުނު އާ ގަވާއިދުގެ ދަށުން ދިވެހިންނަށް މި ވިޔަފާރީގައި އިތުރު ފުރުޞަތުތަކެއް ހުޅުވާލެވި އަލަށް މި ވިޔަފާރި ކުރަން ފަށާ ފަރާތްތަކަށް ލުއިތަކެއް ދެވިފައިވާނެކަމަށެވެ.
އެގޮތުން، ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް ނުވަތަ ރާއްޖޭން ބޭރު ޤައުމެއްގެ ރައްޔިތެއް ހިމެނޭ ކުންފުންޏަކަށް ނުދެވޭނެކަމަށާއި، އެހެންނަމަވެސް ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ ޓްރެވަލް އެޖެންސީއެއް ނުވަތަ އޮންލައިން ޓްރެވަލް އޭޖެންސީއެއް ނުވަތަ ޓުއަރ އޮޕަރޭޓަރުންނަށް، އެފަދަ ތަންތަނުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އެފަދަ ތަންތަނުގެ ރެޕްރެޒެންޓޭޓިވް އޮފީހެއް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓްރެވަލް އޭޖެންސީއަކާ ގުޅިގެން (އެފިލިއޭޓް) ރާއްޖޭގައި އޮފީހެއް ގާއިމުކުރެވިދާނެކަމަށް މިޤަވާޢިދުގައިވެއެވެ. އަދި މިގޮތަށް އޮފީހެއް ހުޅުވާއިރު އެކަމަށްޓަކައި ޚާއްޞަ ހުއްދައެއް މިނިސްޓްރީ އޮފް ޓޫރިޒަމުން ނަގަންޖެހޭނެކަމަށްވެސް ވެއެވެ.
ހަމައެހެންމެ، ކުރިން ޓްރެވެލް އޭޖެންސީއެއް ރަޖިސްޓަރީ ކުރުމަށް އޮފީހެއް ހުރުން ލާޒިމުކޮށްފައިވީ ނަމަވެސް އަލުން އެކުލަވާލެވުނު މި ގަވާއިދުގެ ދަށުން ދަތުރު ރާވައި ހިންގުމުގެ ޚިދުމަތްދޭ ތަނެއްގެ ގޮތުގައި އޮފީހެއް ހުރުމަކީ ލާޒިމްކަމެއް ނޫންކަމަށާއި، އެހެންނަމަވެސް ޚިދުމަތްދޭ ފަރާތާއި ގުޅޭނެ ފޯނު ނަންބަރެއް އަދި އީމެއިލް އެޑްރެހެއް އޮންނަންވާނެކަމަށްވެސް ވެއެވެ.
މީގެއިތުރުން މިޤަވާޢިދުގައި ބުނެފައިވަނީ ކުންފުންޏެއް ނުވަތަ އެނޫންވެސް ވިޔަފާރި ޖަމާޢަތެއްނަމަ، އެކުންފުނީގެ ނުވަތަ އެވިޔަފާރި ޖަމާޢަތުން ކުއްލި ހާލަތުގައި ޖަވާބުދާރީވާނެ ފަރާތެއް އައްޔަންކޮށް އެފަރާތަކާ ގުޅޭނެ ނަންބަރާއި އަދި އީމެއިލް އެޑްރެހެއް އޮތުން ލާޒިމުކަމަށެވެ.




