ފޮޓޯ: ނިޝާން އަލީ/މިހާރު

ދެލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފި

މިއަހަރުގެ މިހާތަނަށް ދެލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އާއި ހަމައަށް ރާއްޖެއަށް 200،871 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ. އެގޮތުން މިއަހަރު މިހާތަނަށް އިންޑިއާގެ 46،541 ފަތުރުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ދެވަނާގައި އޮތް ރަޝިއާއިން 42،417 ފަތުރުވެރިޔަކުވަނީ ޒިޔާރަތްކޮށްފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޔޫކްރެއިންއިންނެވެ. އެގޮތުން ޔޫކުރެއިނުން 13،350 ފަތުރުވެރިންވަނީ މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

2021 ވަނައަހަރު ފެށުނު ފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރާތްކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 5268 ފަތުރުވެރިޔަކުވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

އެގޮތުން މިކަން ޙާސިލްކޮށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއަކީ ފަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ބޮޑު ޤައުމެއްގެ ގޮތުގައި ހެދުމަށް ސަރުކާރުންދަނީ ނުހަނު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަދި ޓޫރިޒަމް ސެކްޓަރގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް މިދިޔަ ފެބްރުއަރީމަހުގެ ކުރީކޮޅު ފަށާފައިވާއިރު، 8،800 އަށްވުރެ ގިނަ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދީފައިވާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ