ހައްޔަރު ކުރާނެ ވަރަކަށް ކުރަންވީ ކަމަށާއި، ކިތަންމެ ގިނައިން ޙައްޔަރުކުރިޔަސް ފަހަތަށް ޖެހުމެއްނެތްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
"މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ކުރަމުން އަންނައިރު، މިއަދުވެސްވަނީ މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ. އަދި މިއަދުގެ މުޒާހަރާގެ ތެރެއިންވެސް އިދިކޮޅުގެ ބައެއް މެންބަރުން ފުލުހުންގެ ބެލުމުގެދަށްވަނީ ގެންގޮސްފައެވެ.
އިދިކޮޅުން ރާވާ މުޒާހަރާތަކަށް ހުރަސްއަޅައި ފުލުހުން ކޮންމެ ފަހަރަކުންވެސް މިމުޒާހަރާތައްވަނީ ރޫޅާލާފައެވެ. އެހެންނަމަވެސް އަދުރޭ ވިދާޅުވީ، PPM/PNC ގެ މަސައްކަތް ނިންމާނީ ގައުމު އަނބުރާ ދިވެހިންނަށް ހޯދައިދީ، ސުލްޙަވެރިކަން ގާއިމުކޮށް ޢަދުލު އިންޞާފު ކަށަވަރުކޮށްދީފައިކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކޮށް އަނބުރާ ވެރިކަމަށް ގެންނާނެކަމަށްވެސް ވިދާޅުވިއެވެ.
"ހައްޔަރު ކުރާނެ ވަރަކަށް ކުރަންވީ. ފަހަތަށްޖެހުމެއްނެތް. PPM/PNC ދާނީ ގައުމައިގެން ކުރިއަށް." އަދުރޭ ވިދާޅުވިއެވެ.
މާލެ ސަރައްދުގައި މަގުމައްޗާއި އާންމު ތަންތަނަށް އެއްފަހަރާ ފަސްމީހުންނަށްވުރެ ގިނަ މީހުން އެއްވުން އެޗްޕީއޭއިން މަނާކޮށްފައި ވަނިކޮށް މިއަދު އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 38 މީހަކު ޙައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
އިދިކޮޅުން ސިލްސިލާ މުޒާހަރާތައް ކުރިއަށްގެންދަނީ ފްލެޓްތައް ލިބުނުކަމުގެ ލިޔުން ކުރީ ސަރުކާރުން ހަވާލުކުރި ނަމަވެސް މި ސަރުކާރުން ފަހުން ވަނީ އެ ލިސްޓު މުރާޖާކޮށް ބައެއް ކެޓަގަރީން ފްލެޓްތައް ނުދޭން ނިންމުމާއިގުޅިގެންނެވެ.
އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުން އަންނައިރު، މިފްލެޓްތަކުގެ ފޯމްތައް ސަރުކާރުން ބާޠިލްކޮށްފައިވަނީ ފޯމް ހުށައަޅަފައިވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް އެ ގޭގެއަށް ޒިޔާރަތްކޮށް ހޯދަންޖެހޭ ހުރިހާ މަޢުލޫމާތުތަކެއް އެއްކުރުމަށްފަހުގައިކަންވެސް ފާހަގަކޮށްލެވެއެވެ.



