ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އަރާފާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 03 މޭލާ 11 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި، ކަނޑުގެ ރާޅު އުޅޭނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް މެޓުން ވިދާޅުވިއެވެ.
"އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް." މެޓް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން އުތުރުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި، އެހެންހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ވިދާޅުވިއެވެ.
އުތުރާއި މެދުރާއްޖެތެރެއަށް އުދަ އަރާފާނެކަމަށް މެޓުން ވިދާޅުވިއިރު، މިއަދު ހަވީރު ވަނީ މާލޭއަށް އަދި އުތުރުގެ ބައެއް ރަށްތަކަށް އުދަ އަރާފައެވެ.




