މޫސުން ގޯސްވެ، ރާއްޖޭގެ އުތުރަށް ވައިޓް އެލާރޓް ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިވައިޓް އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ. މިއަދުގެ 15:00 ން މިރޭގެ 20:00 އަށް ނެރެފައިވާ މިއެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
Alert White for heavy rain and thunderstorms. pic.twitter.com/NKvHpMhRah
— Maldives Meteorology (@MetMaldives) March 13, 2021
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ.
"މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." އެއިދާރާއިން ބުނެފައިވެއެވެ.
އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެކަމަށާއި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެކަމަށްވެސް ބުނެފައިވެއެވެ.



