ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް އިތުރަށް ބޭނުންވާ ފައިސާ ލިބިއްޖެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްްޖެއެވެ.
އިލެކްޝަންސް ކޮމިޝަނަށް އިތުރަށް ބޭނުންވާ ފައިސާ އީސީގެ ބަޖެޓަށް އިތުރުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. އެ ފައިސާ އީސީއަށް ދޭން ނިންމާފައިވަނީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް މިއަދު ހަވީރު ވަނީ އެ ފައިސާ އީސީ އަށް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް އިތުރަށް ހިނގާނެކަމަށް ލަފާކުރެވޭ 29.8 މިލިއަން ރުފިޔާ ގެ ބަޖެޓް އީސީއަށް ލިބިއްޖެކަމަށެވެ.
LCE aai WDCE ge inthikhaabah ithurah hingaane lafaakurevey 29.8m ge budget miadhu EC ah libihje.
— Ahmed Shareef (@ShareefRangondi) March 15, 2021
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކަނޑައަޅާފައިވަނީ 51 މިލިއަން ރުފިޔާގެ ބަޖެޓެވެ. ނަމަވެސް ޚަރަދު ބޮޑުވެ މި ބަޖެޓަށް އިތުރަށް 44.9 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އީސީއިން ވިދާޅުވެފައިވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އީސީ އިން މިހާރު ދަނީ ވޯޓްލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝާލުން ތަމްރީން ކުރަމުންނެވެ.



